ޚަބަރު

ފޯނު ބަލަމުން ސައިކަލު ދުއްވި މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިިފި


  • ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯކޮށްފައި

  • ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން އިލްތިމާސްކުރޭ

ސައިކަލް ދުއްވަމުން ފޯނު ބަލަމުން ދިޔަ މީހަކު ހޯދައި އެމީހާއާމެދު ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ވިދާޅުވީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެމައްސަލަ ބަލާފައިވާކަމަށެވެ. އަދި އެމައްސަލައިގައި ހިމެނޭ މީހާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ސައިކަލް ދުއްވި ފަރާތުގެ ލައިސަންސްވެސް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. ސައިކަލު ދުއްވަމުން ދިޔަ ވަގުތު ސައިކަލުގެ ފަހަތުގައި އިތުރު މީހަކުވެސް އިންނަ މަންޒަރު ފެނެއެވެ.

މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އެއްގަމު އުޅަނދު ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އަދި ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ވެސް ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވާއިދުގައި މަނާކޮށްފައެވެ.