ޚަބަރު

ސޫރިޔާގެ ޝަރާޢު އާ ޓްރަމްޕް ބައްދަލުކުރައްވައިފި، ބާރު އެޅުއްވީ ޔަހޫދީންނާ ގުޅުން ބަދަހިކުރަން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސޫރިޔާގެ ވެރިކަން ކުރާ ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ރައީސް އަޙްމަދު އަލް-ޝަރާޢު އާ ބައްދަލުކުރައްވައި، ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތައިލައި ގުޅުން ބަދަހި ކުރަން ބާރުއަޅުއްވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޓްރަމްޕް އެންމެ ފުރަތަމަ ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގައި، ޓްރަމްޕް، ޝަރާޢު އާ ބައްދަލުކުރައްވާފައިވަނީ ސޫރިޔާއަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދެއްވާނެކަމަށް އިޢުލާނުކުރައްވާފައިވަނިކޮށެވެ.

އެ ބައްދަލުވުމުގައި، އެކުވެރި ޢަރަބި އިމާރާތް، މޮރޮކޯ އަދި ބަޙްރޭނާ އެއްގޮތަށް ސޫރިޔާއިން ވެސް ޒަޔަނިސްޓު އިސްރާއީލާ ގުޅުން ޤާއިމުކުރުމަށް ޓްރަމްޕް ބާރުއެޅުއްވި ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއިން ވެސް އިސްރާއީލާ ގުޅުން ބަދަހިކުރަން ބާރުއެޅުއްވިނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ނަޞްލު ހޭދަ ކުރުމުގެ ޢުދުވާނުތައް ހުއްޓާލައި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމުގެ ކުރިން އެކަން ނުކުރާނެ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ސާފުކޮށް ތަކުރާރުކޮށްފައެވެ.

ސޫރިޔާއާ ދެކޮޅަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޢަރަބި ދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ އަހުލީހަނގުރާމައާ ގުޅިގެންނެވެ.

14 އަހަރަށް ފަހު އެ ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ، ބަޣާވާތަކުން ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކުގައެވެ. އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހައިޔަތު އެޗްޓީއެސް އިންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. ރައީސް ކަމުގެ މަޤާމު ފުރަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ވެރިކަން ވައްޓައިލުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެޗްޓީއެސްއިން މީގެކުރިން ހިންގާފައިވާ ނިރުބަވެރި ހަރަކާތްތަކާމެދު ކަންބޮޑުވުން އޮތް ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ.

އަދި ޝަރާޢު އާއެކު ބޭއްވި މި ބައްދަލުވުމަކީ ފެށުމެއް ކަމަށާއި، އެޗްޓީއެސްގެ ސަރުކާރާ އެކު ގުޅުން ޤާއިމުކުރުމުގެ ކަންކަން ބަލަމުންދާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.