ޚަބަރު

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 1.4 މިލިޔަން ގަސް އިންދުމަށް ރަންފަރު ރިސޯޓުން ނިންމައިފި


  • މިކަމުގެ އެއްބަސްވުމެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާއާއެކު ވަނީ ސޮއިކޮށްފައި

ސަރުކާރުގެ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި، ތެރެއިން 1.4 މިލިޔަން ގަސް އިންދުމަށް މިހާރު ތަރައްޤީ ކުރަމުންދާ ރޯސްވުޑް ރަންފަރު ރިސޯޓުން ވަޢުދުވެއްޖެއެވެ. އެ ރިސޯޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ދެމެދު މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ރޯޔަލް ރިސޯޓުން މާލެ އަތޮޅުގައި ފަޅެއްގައި ހިއްކައިގެން ތަރައްޤީކުރަމުންދާ ރޯސްވުޑް ރަންފަރު ރިސޯޓަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ކުރެއްވި ޒިޔާރަތުގެ ތެރެއިން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށާއި އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ، އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ، ޕްރޮޖެކްޓް ޑިރެކްޓަރ ހުސެއިން އަލީ ސިނާންއެވެ.

މި އެއްބަސްވުމުގެ ދަށުން ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ދާއިރު ސަރުކާރުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކޮންޓްރެކްޓަރ ވަނީ 1.4 މިލިޔަން ގަސް އިންދުމަށް ވަޢުދުވެފައެވެ. ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވަނީ ރިސޯޓުގެ ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ.

މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރަމުންދާއިރު، ސަރުކާރުގެ އިޔާދަކުރަނިވި ހަކައިގެ ސިޔާސަތުގެ ތެރެއިން އެ ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްވެސް ރިސޯޓުން ވަނީ ނިންމާފައެވެ. އެގޮތުން އެ ރިސޯޓަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް، ރިސޯޓުގައި 6.5 މެގަވޯޓުގެ ސޯލާ ފާމެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތް ނިންމެވުމަށް ފަހު މީޑިއާތަކަށް ދެއްވި ބަސްތީ ގަތުމުގައި ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ރިސޯޓުތަކުން މިފަދަ މަސައްކަތްތަކުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ރިސޯޓެއް ތަރައްޤީ ކުރެވިގެންދާއިރު ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ކަންކަން ވަޒީރު ވިދާޅުވެފައެވެ.

ވަޒީރު ވަނީ ހިއްކާފައި ހުންނަ ރަށްތައް ފެހި ކުރުމާއި އެރަށަށް ބޭނުންވާ ރަނގަޅަށް ކުނި މެނޭޖު ކުރުމާއި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް މަސައްކަތް ކުރަން ރިސޯޓުތަކުން ކުރަން ޖެހޭ ކަމެކެވެ.

"އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުން، މިގޮތަށް ހެދެމުންދާ ރިސޯޓުތަކުންވެސް 5 މިލިޔަން ގަސް ޕްރޮގްރާމުގައި ބައިވެރިވުމާއި ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އުފެއްދުމަށް މި ދެ ޕްރޮގްރާމުގައި ރިސޯޓުތަކުން ބައިވެރިވާން އިލްތިމާސްކުރުން." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5.2 މިލިޔަން ގަސް އިންދުމަށް ހަމަޖެހިފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިއަހަރު މިހާތަނަށް 500،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު މިއަހަރު ތެރޭ 2 މިލިޔަން ގަސް އިންދުމަކީ އަމާޒެއްކަމަށް ތިމާވެއްޓާ ބެހޭ ވަޒާރާއިން ވަނީ ހާމަކޮށްފައެވެ.

ވަޒީރު ތާރިޤު އިބްރާހީމް ދަނީ އެވުޒާރާގެ މަސައްކަތްތަކާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު، ޤަވާއިދުން ހަދަމުންދާ ރިސޯޓުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. ވަޒީރު ވަނީ ހަދަމުންދާ ރިސޯޓުތަކަށް މި ކުރައްވާ ޒިޔާރަތުގެ ތެރެއިން ރިސޯޓުތައް ހުޅުވުން އަވަސް ކުރުމަށް ބާރުއަޅުއްވާ އެ ފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުފިލުވުމަނުންދާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ މިހާރު ނުހުޅުވި ހުރި ރިސޯޓުތައް ވީހާވެސް އަވަހަށް ހުޅުވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.