ބާސެލޯނާއިން ސްޕެނިޝް ލީގުގެ ތަށި ހޯދުމާ ގާތަށް ޖެހިލާފައިވާއިރު، ކުޅުންތެރިންގެ ހުރިހާ ސަމާލުކަމެއް އެ ކަމަށްދީ، ތައްޓާ ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަމާ މެދު ފުންކޮށް ވިސްނުމަށް ކުޅުންތެރިންގެ ކިބައިން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް އެދިއްޖެއެވެ.
ކުޅުންތެރިންގެ ކިބައިން އޭނާ އެކަމަށް އެދިފަވަނީ ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ، ފަހަތުން އަރައި މެޗު ކާމިޔާބުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. ދެ ޓީމުން ވާދަކުރި އެލް ކްލަސިކޯ މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފަވަނީ ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުންނެވެ.
ފަހަތުން އަރައި ހޯދި މޮޅާއެކު ބާސެލޯނާއިން މެޗު ކާމިޔާބުކޮށްފަވާއިރު، ބާސާއިން ހޯދި މޮޅަކީ މި ސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އެ ޓީމުން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެކެވެ. މި ކާމިޔާބާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ މިހާތަނަށް ކުޅުނު 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާއަށްވުރެ 7 ޕޮއިންޓް މަދުން ލިބިގެން 75 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ.
އަންނަ ބުދަ ދުވަހު މަޔޯކާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު ބަލިވެ، އެސްޕަނިއޯލް އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ، ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ފްލިކް ވަނީ އޭނާގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފުވެސްކޮށްފައެވެ. މިގޮތުން ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ ދެ ލަނޑާއެކު ރެއާލްއިން އުއްމީދު އައުކޮށްފަވަނިކޮށް، ފަހަތުން އަރައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގުކަމަށް އޭނާ ބުނެފައިވެއެވެ. މިސީޒަނުގައި އެއްވެސް ތައްޓެއް ރެއާލްއަށް ހޯދިފައިނުވާއިރު، އެޓީމާ ދެކޮޅަށް ބާސެލޯނާއިން ދެއްކީ މޮޅު ކުޅުމެއް ކަމަށް ފްލިކް ފާހަގަކުރިއެވެ.
މީގެ އިތުރުން ފްލިކް ބުނީ އިންޓަރ މިލާނާ ވާދަކޮށް، އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިން ބާސެލޯނާ ބަލިވުމާއެކު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހިސާބުން މުބާރާތުން އަލްވަދާއުކިޔަން ޖެހުމަކީ ކުޅުންތެރިންނަށް ލިބުނު މާޔޫސްކަމެއް ކަމަށެވެ. އެހެންނަމަވެސް ލީގު މެޗަށް ކުޅުންތެރިން ނުކުތީ އެކަން ހަނދާނުން ފުހެލައި، އިތުރު ހިތްވަރަކާއެކު ވަރުގަދަ އަޒުމެއްގައި ކަމަށް ފްލިކް ބުންޏެވެ. އެކަމުންވެސް ދޭހަކޮށްދެނީ އޭނާގެ ކުޅުންތެރިންނަކީ ހިތްވަރު އެލުވާނުލައި، ގަދައަޅާ މަސައްކަތްކުރާނެ ބައެއްކަން ކަމަށް ފްލިކް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ޓީމުގެ އުއްމީދީ ތަރި އުމުރުން އެންމެ 17 އަހަރުގެ ލަމީން ޔަމާލްއަށްވެސް ފްލިކުގެ ތައުރީފު ވަނީ އޮއްސާލާފައެވެ. އޭނާ ބުނެފައިވަނީ ޔަމާލްއަކީ އިދިކޮޅުން ޖެހިލުންވާ ފަދަ ނުރައްކާތެރި ހަމަލާތައް އުފައްދާ ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ޓީމުގެ ކާމިޔާބީގައި އޭނާގެ ވަރުގަދަ ހަމަލާތައް ބޮޑު ދައުރެއް އަދާކުރާ ކަމަށްވެސް ނޫސްވެރިންނާ ވާހަކަދައްކަމުން ފްލިކް ވަނީ ބުނެފައެވެ.