މި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބާއްވާ އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ވާދަކުރުމަށް ދިވެހި ސްކޭޓަރުން ތައްޔާރުވެއްޖެއެވެ. ސްކޭޓް މޯލްޑިވްސްގެ ފަރާތުން 19 ކުއްޖަކު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ސްކޭޓަރުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވީ މިއީ ރާއްޖެއިން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށާއި، މުބާރާތައް ތައްޔާރުވުމުގެ ކަންކަން ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްދާ ކަމަށެވެ.
"މިއީ ސްކޭޓް މޯލްޑިވްސްގެ ފަރާތުން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު އިނގޭތޯ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދީގެން ކުދިން ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް މިގެންދަނީ" ހާނިމް ވިދާޅުވިއެވެ.
މި މުބާރާތުގައި ޖުމްލަ 19 ކުއްޖަކު ބައިވެރިވާ ކަމަށާއި، މިކަމުގައި ބެލެނިވެރިންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ވާދަކުރުމަށް ކުދިން ހޮވުމަށް ޓައިމް ޓްރަޔަލްތަކެއް ބާއްވައި، އެކުދިންގެ ތެރެއިން ފުރަތަމަ ހޮވީ 12 ކުއްޖެއް ކަމަށް ހާނިމް މައުލޫމާތުދެއްވިއެވެ. އަދި ފާހަގަކޮށްލެވުނު އިތުރު 6 ކުއްޖަކަށް ފަހުން ފުރުސަތުދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިކުދިންނަކީ ވަރަށް ކުޑަކުޑަ ތަފާތަކުން އަރާ ނާރާ ތިބި ކުދިން. އެކަމަކު އެކުދިންނަކީ މިތާނގަ ވަރަށް ގިނަދުވަސްވެފަ ތިބި ވަރަށް މަސައްކަތްކޮށްފަތިބި ހާއްސަކޮށް ސީނިއާ އޭޖްގެ ކުދިން" އިތުރަށް ފުރުސަތު ދެވުނު 6 ކުދިންނާ ގުޅޭގޮތުން ހާނިމް ވިދާޅުވެފައިވެއެވެ.
ހާނިމް ވިދާޅުވީ މުބާރާތަށް ކުދިން ހޮވުމުގައި ސްކޭޓް މޯލްޑިވްސްއިން އެންމެ ފުރަތަމަ އިސްކަންދނީ 14 އަހަރުން ދަށުގެ އުމުރުފުރާއަށާއި، 11 އަހަރުން ދަށުގެ އުމުރުފުރާއަށް ކަމަށެވެ. އެހެންނަމަވެސް ޖޫނިއަރ ކެޓެގަރީ ކަމަށްވާ 14 އަހަރާއި 17 އަހަރާ ދެމެދާއި، 9 އަހަރުން ދަށުގެ އުމުރުފުރާއިންވެސް މި މުބާރާތުގައި ސްކޭޓަރުން ބައިވެރިކުރާ ގޮތަށް ހަމަޖެއްސިކަމަށް ހާނިމް މައުލޫމާދެއްވިއެވެ.
"އަންޑަރ 9 އޭ އަޅުގަނޑު ދެންނެވިއަސް، އަންޑަރ 9 ގައި އާދަޔާޚިލާފަށް މޮޅުކުއްޖަކު ހުރެއްޖިއްޔާ އަޅުގަނޑުމެން އެކުއްޖާއަށް މި ޓައިމިންގއަށް ބަލާފަ ފުރުސަތުދެނީ. ދެން މިބުނާހެން ޓީމަށް އަރާ ނާރާ އެކަމަކު އެއީ ހަމަ ކުޑަކުޑަ މިލި ސެކަންޑްސްގެ ތަފާތަކުން، ޕޭރެންޓަލް ސަޕޯޓާއި، އެސޯސިއޭޝަނާއި އަދި ސްޕޮންސަރުންގެ އެއްބާރުލުމާއެކު މިކުދިންވެސް މުބާރާތުގައި ބައިވެރިވާނެ" ހާނިމް މައުލޫމާތުދެއްވިއެވެ.
މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާތާ ވިއްސަކަށް ދުވަސްވެފައިވާއިރު، ފަރިތަކުރުންތައް ކުރިއަށްދަނީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން ހުޅުމާލޭގައެވެ.
ހާނިމް ވިދާޅުވީ މުބާރާތުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. މިގޮތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ވަކިން ފާހަގަކުރައްވައި، ވަޒީރަށް ވަރަށް ޚާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.
ހާނިމް ވިދާޅުވީ ރާއްޖެއިން މިމުބާރާތަކުގައި ވާދަކުރާ ސްކޭޓަރުން ތައްޔާރުކުރުމުގައި މަސައްކަތްކުރާ ދެ ކޯޗުން ކަމަށްވާ ޒުލްފީ އަދި ރޮބީގެ އިރުޝާދާއެކު ޓީމުތައް ތައްޔާރުވަމުން އަންނައިރު، މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
"ދެ ބޭފުޅުން އެކުރައްވާ މަސައްކަތުގައި އަޅުގަނޑުމެން ދަންނަވާނީ ކާމިޔާބަކާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވާ ތައްޔާރީތަކުން އަޅުގަނޑުމެންނަށް ކޮންމެވެސް ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދުގައި އަޅުގަނޑުމެންދާނީ" 2019 ވަނަ އަހަރު އުފެދުނު ސްކޭޓް މޯލްޑިވްސްގެ ރައީސް ހާނިމް ވިދާޅުވިއެވެ.