ކުޅިވަރު

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން އައިލެންޑް ރަނާސްއަށް


ރާއްޖޭގައި އަލަށް ބޭއްވި މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް އައިލެންޑް ރަނާސްއިން ކާމިޔާބުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މިމުބާރާތް ހޮނިހިރު ދުވަހުގެ ހަވީރު ކާމިޔާބުކަމާއެކު ނިންމާލާފަވާއިރު، ފިރިހެން ކެޓެގަރީއިން އެއްވަނަ ހޯދި އައިލެންޑް ރަނާސްއިން ވަނީ މި މުބާރާތުގައި 8 ރަން މެޑެއްޔާއި، 3 ރިހި މެޑެލްގެ އިތުރުން 3 ލޯ މެޑެއްޔާއެކު ޖުމްލަ 14 މެޑަލް ހޯދާފައެވެ.

އަދި މި މުބާރާތުގެ އަންހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑްއެވެ. އެ ޓީމުން ވަނީ ޖުމްލަ 7 މެޑެލް ހޯދާފައެވެ. އެއީ 3 ރަން މެޑެއްޔާއި، 1 ރިހި މެޑެލްގެ އިތުރުން 3 ލޯ މެޑެއްޔެއެވެ.

މާސްޓަރސް އެތުލެޓިކްސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ވާދަކޮށްފައިވާއިރު، މި މުބާރާތް ކުރިއަށްދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 35 އަހަރާއި 39 އަހަރާ ދެމެދާއި، 40 އަހަރާއި 44 އަހަރާ ދެމެދާއި، 45 އަހަރާއި 49 އަހަރާ ދެމެދާއި، 50 އަހަރާއި 55 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 55 އަހަރުން މަތީގެ އުމުރުފުރާއެވެ.

ދޮށީ އުމުރުފުރާގެ ފަރާތްތަކަށް ޚާއްސަކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި 100މީޓަރު ދުވުމާއި، 200 މީޓަރާއި، 1500 މީޓަރުގެ އިތުރުން 5000 މީޓަރާއި 10000 މީޓަރު ދުވުން ހިމެނުނުއިރު، ފީލްޑް ހަރަކާތްތަކުގެ ތެރެއިން ޝޮޓްޕުޓާއި، ޑިސްކަސް އަދި ޖެވެލިން ތުރޯވެސް ކުރިއަށްދިޔައެވެ.

ބޮޑު ތަރުހީބެއް މިމުބާރާތައް ލިބިފައިވާއިރު، މި މުބާރާތް ދެން ކޮންމެ އަހަރަކުވެސް ކުރިއަށްދާނެ ކަމަށް މާސްޓަރސް އެތުލެޓިކްސް ކުލަބުން ވަނީ މައުލޫމާތުދީފައެވެ. މާސްޓަރސް އެތުލެޓިކްސްއިން ހާމަކޮށްފައިވާ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދޮށީ އުމުރުފުރާގެ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި ހެލިފެލިވެ އުޅުމުގެ ވައްޓަފާޅި އަށަގެންނަވައި، މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ.