ކުޅިވަރު

ފަރިތަކުރުމެއް ނެތި ޓީމު ފުރަތަމަވެސް އެރީ ދަނޑަށް: އައްބާސް


މެޗުގެ ކުރިން ޓީމު އެކުގައި ފަރިތަކޮށްލާނެ ވަގުތު ނުލިބުނު ކަމަށާއި، ޓީމުން ފުރަތަމަވެސް އެރީ މިއަދުގެ މެޗަށް ކަމަށް މަހިބަދޫ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ހުސައިން އައްބާސް ބުނެފިއެވެ. އައްބާސް މިހެން ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުންނެވެ.

ދެވަނަ ޑިވިޝަނުގައި މިވަގުތު އޮތް މަހިބަދޫ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ހުސައިން އައްބާސް ބުނީ މުބާރާތް ފެށުމުގެ ކުރިން ޓީމު އެއްކޮށް ފަރިތަކޮށްލެވޭ ގޮތް ނުވިކަމަށާ، ޓީމު އެކުވެ ދަނޑަށް އެރީ މެޗު ކުޅުމަށްކަމަށެވެ. އަދި މަހިބަދޫ ޓީމުން ފުޓުބޯޅަ ކުޅުމަށް ދަނޑަށް މިއެރީ ވަރަށް ގިނަދުވަސްތަކަކަށް ފަހުކަމަށްވެސް އޭނާ ބުންޏެވެ.

"ވަރަށް ދުވަސްކޮށްފަ މަހިބަދޫ ޓީމު އެއްކޮށް މިކުޅުނީ. އެއްވެސް ޕްރެކްޓިހެއް ނުކޮށް އައިސް މިމީހުން މިއަދު މިކުޅުނީ" އައްބާސް ބުންޏެވެ.

މެޗުގެ ނަތީޖާ އެހެން ނުކުތްނަމަވެސް ހިތްވަރު އެލެވާނުލާނެކަމަށާ، މުބާރާތައް އައީ ވާދަކޮށް މޮޅުވުމަށްކަމަށް އައްބާސް ބުންޏެވެ. އަދި މަސައްކަތްކުރާނީ ދެވެން އޮތް އެންމެ ރަނގަޅު ހިސާބަކަށް ދިއުމަށްކަމަށްވެސް އޭނާ ބުންޏެވެ.

"މިދިމާވާ މައްސަލައަކީ އެއްވެސް ޕްރެކްޓިހެއް ނުކޮށް، އެއްވެސް ވަރަކަށް ބޮޑު ފުޓުބޯޅަ ނުކުޅެ، ސިކްސް މަންތުސްވެފަ މިއައީ. މިއަދު އަލަތަށް މިއެރީ ދަނޑަށް" މެޗުގެ ނަތީޖާއާ ގުޅިގެން އައްބާސް ބުނެފަވެއެވެ.

އައްބާސް އިތުރަށް ބުނެފަވަނީ ނުކުޅެ ތިބޭތާ ދުވަސްތަކަކަށްފަހު ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށާ، ކުރިއަށް އޮތްތަކުގައި ޓީމުގެ ކުޅުން ރަނގަޅުވާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޓީމު ދާނީ އިންޕްރޫވްވަމުންކަމަށް ގަބޫލުކުރެވޭ" އައްބާސް ބުނެފަވެއެވެ.

އެފް.އޭ.އެމް ލީގު ކަޕްގައި މަހިބަދޫން ދެން ނުކުންނާނީ ވަރުގަދަ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން އާ ދެކޮޅަށެވެ. އަންނަ އަންގާރަ ދުވަހު މިމެޗު ކުޅޭނީ ރޭގަނޑު 09:00 ގައި ރަސްމީ ބޯޅަ ދަނޑުގައެވެ.