ކުޅިވަރު

އެންމެ ފަހުގެ ޗެމްޕިއަނުން އަތުން ރާއްޖެއަށް ޕޮއިންޓެއް


އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.

އިންޑިއާގެ އަނޫރާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން އިތުރަށް ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މިމެޗުގައި ރާއްޖޭގެ ޓީމުން ޖެހި ދެލަނޑުވެސް ފެނިގެންގޮސްފަވަނީ ފަހު ހާފުގައެވެ. ރާއްޖޭގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަނޫފް އަބްދުﷲ އާއި އީތަން އިބްރާހީމް ޒަކީއެވެ.

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުން ދެން ނުކުންނާނީ އަންނަ އަންގާރަދުވަހު ބޫޓާންއާ ދެކޮޅަށެވެ. މިޗެކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މެންދުރުފަހު 03:30ގައެވެ. މިމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ 15،000 މީހުންގެ ޖާގައިގެ ދަނޑެއްކަމަށްވާ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައެވެ.