ކުޅިވަރު

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް: ސީދާ ދެ ސެޓުން ރާއްޖޭގެ މައްޗަށް އޮމާން ކުރި ހޯދައިފި


އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެ އަތުން އޮމާން މޮޅުވެއްޖެއެވެ. އޮމާނުން މިމެޗު ކާމިޔާބުކޮށްފަވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗުގެ ސެޓުތައް އޮމާނުން ގެންދިޔައީ 8-22 އަދި 22-6 އިންނެވެ.

މި މުބާރާތަކީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތަކަށްވާއިރު، ރާއްޖެއިން ދެން އެންމެ އަވަހަށް ވާދަކުރާނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެދުވަހު ގައުމީ ހޭންޑް ބޯލް ޓީމުން ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ ރާއްޖެގަޑިން އިރުއޮއްސި 7:00 އޮމާންގެ މަސްކަޓުގެ ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025ގައި ޖުމްލަ 9 ގައުމަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމުކަމަށްވާ އޮމާންއާއި، ޗައިނާގެ ހޮންގކޮންގ، ސައުދީ އަރަބިއްޔާ، ޕާކިސްތާނު، އީރާން، އިންޑިއާ، އުރުދުން އަދި ފިލިޕީންސްއެވެ. މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އޮމާންއާއި، ހޮންގކޮންގގެ އިތުރުން ސައުދީ އަރަބިއްޔާއެވެ.

މި މުބާރާތުގެ ކުއާރޓަރ ފައިނަލު މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 12 ވަނަ ދުވަހަށެވެ. އަދި ސެމީ ފައިނަލު މެޗުތައް 13 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، މުބާރާތުގެ ޗެމްޕިއަނުން ކަށަވަރުވެގެންދާނީ މިމަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުންނެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މަސްކަޓުގެ ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައެވެ. މިއީ ތިރީސް ހަތަރު ހާސް މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ދަނޑެކެވެ.