ޚަބަރު

މި ސީޒަނަށްފަހު އެރިކް ޑަޔާ ބަޔާން ދޫކޮށްލަނީ


ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޑިފެންޑަރު އެރިކް ޑަޔާ، މި ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ އެރިކް ޑަޔާ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކުރުމަށް ބަޔާންއިން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ އެއްބަސްވުން އައުނުކޮށް އެ ޓީމު ދޫކޮށްލާނެ ކަމަށް ބުނެފައެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އެރިކް ޑަޔާ ބަޔާންއާ ގުޅިފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރއިން ލޯނު އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ކްލަބާއެކު ދާއިމީ އެއްބަސްވުމެއް މި ސީޒަނުގެ ނިޔަލަށް ހަދާފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން އައުނުކުރަން އޭނާ ނިންމާފައިވަނީ ފްރާންސްގެ މޮނާކޯއާ ގުޅުމަށެވެ. އަދި އެ ކްލަބާއެކު އޭނާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މޮނާކޯއިން ޑަޔާއަށް ތިން އަހަރުގެ އެއްބަސްވުމެއް ދޭން ހަމަޖެފައިވާ ކަމަށާއި، އަދި އެއަށްފަހު އިތުރު އެއް އަހަރު އިތުރު ކުރުމުގެ މާއްދާއެއް އެ އެއްބަސްވުމުގައި ހުށައަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ކްރިސްޓޮފް ފްރޯންޑް ބުނެފައިވަނީ ޑަޔާއާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް އެ ކްލަބުން މަޝްވަރާތައް ކުރި ނަމަވެސް، އެގޮތަށް އޭނާ ބޭނުންނުވާ ކަމަށާއި، މި ސީޒަނަށްފަހު ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ޑަޔާ ބުނެފައިވާ ކަމަށެވެ.

ބަޔާންއިން މި ފަހަރުގެޖަރުމަން ކާމިޔާބު ކުރުމާ ގާތަށް ގޮސްފައިވާއިރު، މިއީ ޑަޔާއަށް ލިބޭނެ ފުރަތަމަ ލީގު ޓައިޓަލްއެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް 49 މެޗު ކުޅެފައިވާ ޑަޔާ ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި 2015 އަދި 2012 ވަނަ އަހަރު ޓޮޓްނަމްއާއެކު ކުޅެފައެވެ. އަދި 2019 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓޮޓްނަމް ކުޅުނު މެޗުގައިވެސް އޭނާ ވަނީ ކުޅެފައެވެ.