އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވިސްނުމަކީ އެކެޑަމީތައް މެދުވެރިކޮށް އެތުލީޓުން ތަމްރީނުކުރުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުސްޠަފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުސްޠަފާ ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންވެސް ޓީމުތައް މެދުވެރިކޮށް ތަމްރީނުކުރުވުމުގެ ވިސްނުން އެބަހުރި ކަމަށާއި، މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތަމްރީނުތައް ހަދާ އެތުލީޓުން ފިޔަވާ ބާކީތިބި ހުރިހާ އެތުލީޓުން އެކެޑަމީތައް މެދުވެރިކޮށް ތަމްރީނުކުރުމަށް ރާވާފަވާއިރު، އަތޮޅު ތެރޭގައި ހިންގާ ޑެވެލޮޕްމަންޓު ހަރަކާތްތައްވެސް ހަމަ މި އުސޫލުން ކުރިއަށް ގެންދިއުމަކީ އެ އެސޯސިއޭޝަނުން ބޭނުންވާގޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ނެޝަނަލް އެތުލީޓުންވެސް ކުލަބުތައް މެދުވެރިކޮށް ޓްރެއިންކުރުން. ރާއްޖެއިން ބޭރުގަ ޓްރެއިން ހަދާކުދިން ފިޔަވާ ދެން ތިބި ހުރިހާ އެތުލީޓުންވެސް ހެދިފަހުރި އެކަޑަމީތައް މެދުވެރިކޮށް ނޫނީ އަތޮޅުތެރޭގައި މިހިންގާ ޑެވެލޮޕްމެންޓް ޕްރޮގްރާމުތަކުގެ ތެރެއިން ކުދިން ޑެވެލޮޕްކުރުން އެސޯސިއޭޝަނުގެ ވިސްނުކަމީ" މުސްޠަފާ ވިދާޅުވިއެވެ.
އެހެންކަމުން ވީހާވެސް ބޮޑަށް އެކެޑަމީތަކާ ގުޅިގެން މިކަންކަން ކުރުމަށް ރާވަފާވާކަމަށް މުސްޠަފާ ވިދާޅުވިއެވެ. މީގެ އިތުރުން މުސްޠަފާ ވިދާޅުވީ މިކުޅިވަރުވެސް އެއްދުވަހަށްވުރެ އަނެއް ދުވަހެއް އަންނަނީ ކުރިއަރަމުންކަމަށެވެ. ނިމިގެންދިޔަ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް އިޝާރާތްކުރައްވާ މުސްޠަފާ ވިދާޅުވީ އެމުބާރާތުންވެސް އެކަން ހާމަވެގެން ހިނގައްޖެކަމަށެވެ. ހުނަރުވެރި ޒުވާން މޫނުތަކެއް އެތުލެޓިކްސްއިން ފާހަގަވަމުން އަންނަ ކަމަށާއި، އަމަޒާކީ ވަނަ ހޯދޭނެ ފަދަ ދިމާތަކަށް ޚާއްސަ ސަމާލުކަމެއްދީ، މެޑައްޔެއް ހޯދުންކަމަށްވެސް މުސްޠަފާ ވަނީ ވިދާޅުވެފައެވެ.
އެތުލީޓުން ތަމްރީނުކުރުމުގައި ގެންގުޅެނީ ދިގު ރާސްތާ ޕްލޭނެއްގެ ވިސްނުންކަމަށް ފާހަގަކުރައްވަމުން މުސްޠަފާ ވިދާޅުވީ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް މިހާރު ގެންގުޅޭ ވިސްނުމަކީ މެޑަލް ހޯދޭނެ ފަދަ އިވެންޓުތަކަށް ބޮޑަށް ފޯކަސްކޮށް އެދިމާތަކުން ކުޅުންތެރިން ކުރިއަރުވާ، އިތުރަށް ތަމްރީނު ދިނުންކަމަށެވެ.
"ބޭރުގެ މުބާރާތްތަކަށް ދާއިރުވެސް ކުރިއާ ތަފާތުކޮށް އަޅުގަނޑުމެންގެ ވިސްނުން މިހުންނަނީ ވާދަކުރެވޭ، މެޑަލް ހޯދޭ، އެކަހަލަ އިވެންޓުތަކަށް ފޯކަސްކޮށްގެން ބޮޑަށް ޓާގެޓްތަކެއް އެޗީވްކުރަން، މެޑަލްތަކެއް ހޯދަން ދާ މުބާރާތްތަކެއް ގޮތަށް ބޭރަށް މި ފޮނުވެނީ" މުސްޠަފާ ވިދާޅުވިއެވެ
އެތުލީޓުން ތަމްރީނުކުރުމުގައި އެތުލެޓިކްސް އެސޯސިއޭޝަނުން އަމާޒު ހިފާފަވަނީ މުބާރާތްތަކަށް ވަރަށް ދުރާލާ ތައްޔާރުވުމަށްކަމަށް ފާހަގަކުރައްވަމުން މުސްޠަފާ ވިދާޅުވީ ގާތްގަނޑަކަށް މުބާރާތެއް ފެށުމުގެ ދެއަހަރަ ނުވަތަ ތިން އަހަރުކުރިން އެތުލީޓުން ތަމްރީނުކޮށް، މުބާރާތުގައި ވާދަކޮށް މެޑައްޔެއް ކަށަވަރުކުރުމަކީ އެއެސޯސިއޭޝަނުގެ އަމާޒުކަމަށެވެ. އެހެންކަމުން ވަނައެއް ލިބޭނެ ފަދަ އިވެންޓުތަކަށް ބޮޑަށް އިސްކަންދީގެން އެދިމާތަކުން އެތުލީޓުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.