އަމާޒަކީ ކުރިއަށް މިއޮތް އަހަރުގެތެރޭގައި ސާފް ގޭމްސްގެ މެޑަލް ހޯދުންކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް މުހަންމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މަންޒަރު ފެންނަމުންދާކަމަށެވެ. މިގޮތުން ނިމިދިޔަ ވީއޭއެމް ލީގުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަމަށް ލަތީފްވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އެމުބާރާތުން ދުނިޔޭގެ މޮޅެތި ކުޅުންތެރިންތަކެއްވެސް ފެނިގެންދިޔައިރު، ބިދޭސީ ކުޅުންތެރިންގެ ހަމަލާތައް ދިފާއުކޮށް، ހުރަސްއެޅުމުގައި ދިވެހި ކުޅުންތެރިން ދެއްކި ހިތްވަރަކީ ރާއްޖޭގައި މިކުޅިވަރު ތަރައްގީވަމުން އަންނަ ހެއްކެއް ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.
"ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ލީގުގައި ބްރެޒިލްކުޅުންތެރިންނާއި، ޔޫރަޕުގެ ކުޅުންތެރިން އަދި ތައިލޭންޑު ކުޅުންތެރިން ފެނުނު. އެހެންވީމަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގައުމުތަކުގެ ކުޅުންތެރިން ކުޅެފަވޭ. އެހެންވީމަ އަޅުގަނޑުމެންގެ ދިވެހި ކުޅުންތެރިން އެކުޅުންތެރިން ބްލޮކްކުރާ މަންޒަރު ފެނިގެންދޭ. އެހެންވީމާ އަޅުގަނޑު ބުނާނީ (ނިމިގެންދިޔަ) ލީގަކީ ދިވެހިރާއްޖޭގެ ވޮލީއަށް ފައިދާކުރާނެ މުބާރާތެކޭ" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ލަތީފް ވިދާޅުވީ ވޮލީ ސީޒަނާއެކު ކުރިއަށްދާ މުބާރާތްތަކުގެ ބޭނުމަކީ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ދިވެހި ކުޅުންތެރިން ތައްޔާރުކުރުންކަމަށެވެ. ވީއޭއެމްގެ އަމާޒަކީ އަވަސް މުސްތަގްބަލެއްގައި ސަރަހައްދީ މުބާރާތަކުން ވޮލީއިން ރަނގަޅު ކާމިޔާބީއެއް ހޯދުންކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އަސްލުގަ ސަރަހައްދީ ވަނައެއް ހޯދުން. އެމަސައްކަތުގެ ތެރޭގައި ދުރުންވެސް ކުޅުންތެރިން ގެންނަނީ" ލަތީފް ވިދާޅުވިއެވެ.
ވޮލީ ސީޒަނާއެކު ނިމުނު މުބާރާތްތަކާއި، ކުރިއަށް ހުރި މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިންނާއެކު ވާދަކުރަން ލިބުމަކީ ދިވެހި ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށް ލަތީފް ފާހަގަކުރެއްވިއެވެ. ބޭރުގެ ވަރުގަދަ ކުޅުންތެރިންނާއެކު ގިނަ މެޗުތަކެއްގައި ވާދަކޮށް ކުޅެލުމުގެ ފުރުސަތު ލިބުމަކީ ދިވެހި ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު މަތިވެ، ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދާނެކަމެއްކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.
"ހަމަ ޔަގީންކަމާއެކުވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުދިންގެ ފެންވަރު ބޮޑަށް ކުރިއަށްދާނޭ. އަދި މީގެ އަސަރު މިއަހަރު އިރާދަކުރެއްވިއްޔާ ގައުމީ ޓީމުން ފެނިގެންދާނެކަމަށް ޔަގީންކުރަން" ލަތީފް ވިދާޅުވިއެވެ.
ވޮލީބޯޅަ ތަރައްގީކޮށް، މިކުޅިވަރުން ކާމިޔާބީތަކެއް ހޯދުމަށް ވީއޭއެމް އިން ހިފާފައިވާ އަމާޒުގައި މިހާރު މިސްރާބުޖަހާފަވަނީ ވާދަވެރި ލަންކާ ބަލިކޮށް ސާފް ގޭމްސް މެޑަލް ހޯދުމަށްކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންކަމުން ވޮލީއިން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އަސްލަކީ މިފަދަ މުބާރާތްތަކުން ގައުމަށް ރީތި ނަން ހޯދަދީ ވޮލީ އައު އުސްމިންތަކަކަށް ގެންދިއުންކަމަށް ލަތީފް ވަނީ ހާމަކުރައްވާފައެވެ.