ޚަބަރު

އުއްދޫއަށް ހަފުތާގެ ކޮންމެ ދުވަހަކުވެސް ދަތުރު ދެވޭގޮތަށް ހަމަޖައްސައިފި


  • އުއްދޫ އެއަތޮޅު ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވީ ފެބްރުއަރީ މަހު

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫއަށް ހަފުތާގެ ކޮންމެ ދުވަހަކުވެސް ދަތުރު ދެވޭގޮތަށް ހަމަޖައްސައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަފުތާގެ ކޮންމެ ދުވަހަކުވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް މިހާރު ހަމަޖައްސައިފާވާކަމަށެވެ. މީގެ ކުރިން އެރަށަށް ދެވެނީ ހަފްތާ ބަންދުގަޔާއި، ސަރުކާރު ބަންދު ދުވަސް ތަކުގައެވެ. ނަމަވެސް މިހާރު އުއްދޫއަށް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަތުރުދެވޭނެއެވެ.

އުއްދޫ ދ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ ފެބްރުއަރީމަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ. އެހެންނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް މިހާރަށް ސަރުކާރަށް ލިބި، މިހާރު ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއެވެ.

ދ. އުއްދޫއަށް ދަތުރުދާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ މަސައްކަތްތަކެއްކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުވާ، ރަށްރަށަށް އާމްދަނީ ވަންނާނެ މަގުތައް ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިވޭތުވެދިޔަ އަހަރު ތެރޭގައި މީހުން ދިރިނޫޅޭ ބައެއް ފަޅު ރަށްރަށް މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމަނުއްވައިދެއްވާފައެވެ.