ޚަބަރު

ބީއެމްއެލް ކާޑު ލިމިޓް: ރީސެޓް ވާނީ ހެނދުނު 7 ޖަހާއިރު، މަހަކު 16 މިލިޔަން ޑޮލަރުގެ ލިމިޓެއް


  • ކާޑުތައް ބޭނުންކުރެވޭ ލިމިޓްތައް ގިންތިތަކަށް ވަނީ ބަހާލާފައި

  • ޒަރޫރީ ބޭނުންތަކަށް އިސްކަން ދެވޭ ގޮތަށް ލިމިޓްތައް ވަނީ ކަނޑައަޅާފައި

ރާއްޖެއިން ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑުން ކުރާ މުޢާމަލާތްތަކަށް ދެފުށް ފެންނަ ބަދަލެއް ގެނައުމަށް ނިންމާ، ކާޑު ލިމިޓް ރީސެޓްވާ ގަޑި ބޭންކް އޮފް މޯލްޑިވްސްއިން އާންމުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އާދީއްތަ ދުވަހުން ފެށިގެން ކާޑު ލިމިޓުތައް ކޮންމެ ދުވަހަކުވެސް ރީސެޓްވާނީ ހެނދުނު 7:00 ޖަހާއިރު ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ޚިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހެދުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. މީގެ ސަބަބުން މި ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައްވެސް އިތުރުވުމާއެކު މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ދެފުށްފެންނަ އުސޫލެއް ދަށުން މުޢާމަލާތްތަކުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބޭންކުން ގެންނަ ބަދަލުތަކަށް އާދީއްތަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

އެންމެ ބޮޑު އެއް ބަދަލަކީ ކޮންމެ މަހަކު އީކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް ކުރާ މުޢާމަލާތްތައް 16 މިލިޔަން ޑޮލަރާއި ހަމައަށް ބޭނުން ކުރެވޭ ގޮތް ހެދުމެވެ. މިގޮތަށް ކަނޑައަޅާފައިވާ މަހުގެ ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ޚިދުމަތްތަކުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ބޭންކުން ކަނޑައަޅާފައިވެއެވެ. ބޭންކުން ވަނީ މިއަދަދުތައް ކަނޑައަޅާފައިވަނީ މުސްތަޤުބަލުގައި މުރާޖަޢާ ކުރާ ގޮތަށް ކަމަށެވެ.

މިހާރު ބޭރުފައިސާގެ މުޢާމަލާތް ކުރުމަށް އޮންނަނީ ދުވާލެއްގެ މައްޗަށް ކަނޑައަޅިފައިވާ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަކީ ކިހަވާރެއް ކަމެއް ނުވަތަ ކޮންމެ ދުވަހަކުވެސް ބަޖެޓު ރީސެޓްވާ ގަޑިއެއް ހާމަކޮށްފައިނެތެވެ. އާދީއްތަ ދުވަހުން ފެށިގެން ޢަމަލުކުރާ އުސޫލުގެ ދަށުން ކޮންމެ ދުވަހަކު 7:00 ޖަހާއިރު ކާޑު ލިމިޓުތައް ރީސެޓްވާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެދުވަހަކަށް ކަނޑައަޅާފައިވާ ލިމިޓް ހަމަވި ނަމަވެސް، އަނެއް ދުވަހު މުޢާމަލާތް ފުރިހަމަ ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އެނޫންނަމަ ޑޮލަރު ކާޑެއް ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ ބީއެމްއެލްގެ ރުފިޔާ ކާޑު ރާއްޖެއިން ބޭރުގައި ނުވަތަ އޮންލައިން އެކި ޚިދުމަތްތަކަށް ބޭނުން ކުރެވޭނެ މިންވަރު 5 ގިންތިއަކަށް ބަހާލައިގެން ކަނޑައަޅާފައިވެއެވެ. ބޭންކުން ވަނީ މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލް ރުފިޔާ ކާޑު ބޭނުންކުރެވޭނެ ދައިރާތައް:

• 1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން ވަނީ އެކުލަވާފައެވެ. އަދި މިލިސްޓު ބޭންކުގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ. މި ލިސްޓުގައި ތަޢުލީމީ، ސިއްޙީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ނުހިމެނޭނެއެވެ.

މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަޤުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނެއެވެ. މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ 3 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކަށް 100,000 ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

• 2. މީސްމީޑީއާގެ އެކި މަންސަތައް

ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ މީސްމީޑިއާގެ ޕްލެޓްފޯމްތަކަށް ކަނޑައަޅާފައިވަނީ މަހަކު 1.5 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކަށް 50,000 ޑޮލަރެވެ.

• 3. ދަތުރުފަތުރާއި ހޮޓެލް ބުކިން

އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 200,000 ޑޮލަރު ވަނީ ބޭންކުން ވަނީ ކަނޑައަޅާފައެވެ. އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. މި ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެއްކަމުގައި ބީއެމްއެލްއިން ވިދާޅުވިއެވެ.

• 4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައް

ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކަށް 100,000 ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

• 5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް

އެއްވެސް ގިންތިއެއްގައި ނުހިމެނޭ ބޭރުގެ އެހެނިހެން އީކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކަށް 60,000 ޑޮލަރުގެ ލިމިޓެއް ބޭންކުން ވަނީ ކަނޑައަޅާފައެވެ.

މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދިނުމަށް އިސްކަން ދިނުންކަން ބީއެމްއެލްއިން ފާހަގަކުރައްވައެވެ.

އޮންލައިން ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ކުރާ މުޢަމަލާތްތަކަށް ލިމިޓް ކަނޑައެޅި ނަމަވެސް، ސިއްޙީ އަދި ތަޢުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާރޗަންޓް ލެވެލްއެއް ނުވަތަ ގިންތީގެ ލިމިޓެއް ކަނޑައެޅިފައެއްނުވެއެވެ.

މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިޔަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި މި ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކާ ވަކިން ޚާއްސަ ބަފަރއެއް ނުވަތަ އިތުރު މިންވަރެއް ބޭންކުން ދަމަހައްޓާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. މިވެސް މުރާޖާޢާކުރާނެ ގިންތިއެއް ކަމަށް ބީއެމްއެލްއިިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިހާރު ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދާ ކަމަށެވެ. މި މުއާމަލާތްތަކުގެ އަދަދު މިހާރު އެވްރެޖްކޮށް ދުވާލަކު 20،000 އަށްވުރެ މައްޗަށް އަރާ ކަމަށެވެ.

ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތައްވެސް އިތުރުވެފައިވާކަން ބޭންކުން ފާހަގަކުރެއެވެ. މިހާރު މުޢާމަލާތްތަކުގެ އަދަދު އިތުރުވެފައިވީނަމަވެސް ބޭންކަށް ލިބޭ ޑޮލަރު އާމްދަނީއަށްވުރެ މުޢާމަލާތްތައް މެދުވެރިކޮށް ބޭރުވާ ޑޮލަރުގެ މިންވަރު އިތުރުވެފައިވާކަމަށް ބޭންކުން ވިދާޅުވިއެވެ.