ފިލިޕީންސްގައި ދަތުރުކުރަމުންދިޔަ ފެރީއެއްގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާގައި އަނދައި އަޅިއަށްވެފައިވާ އުޅަނދުގެ ތެރެއިން ހަށިގަނޑުތައް ނަގައި، މަރުވި މީހުން ދެނެގަތުމުގެ އުނދަގޫ މަސައްކަތް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
މި ހިތާމަވެރި ހާދިސާގައި މިހާތަނަށް މަދުވެގެން 35 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 50 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަލިފާން ރޯވީ ޕަލަވާންގެ ކޮރޮންގެ އައްސޭރިފަށުން ދަތުރުކުރި 'އެމްވީ ޖޫން އެސްޓަރ' ކިޔާ ފެރީއެއްގައެވެ.
ކޯސްޓްގާޑުން ނެގި ހަށިގަނޑުތައް މިހާރު ވަނީ ކޮރޮން އަވަށުގެ ބަނދަރަށް ގެންގޮސްފައެވެ. އަދި އެ ސަރަޙައްދުގައި ފޮރެންސިކް ޓީމުތަކުން މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ޓެންޓްތަކެއް ވަނީ ޖަހައިފައެވެ.
މި ހާދިސާގައި ފިރިމީހާ ގެއްލިފައިވާ އުމުރުން 37 އަހަރުގެ އަނެލިން މަގްބާނުއާ ބުނީ، އޭނާގެ ފިރިމީހާ ކޮރޮންއަށް ދަތުރުކުރަމުންދިޔައީ މެނީލާގައި ތިބި އެމީހުންގެ ދަރިންގެ ހާލު ބެލުމަށްފަހު އެނބުރި އައުމަށް ކަމަށެވެ. 130އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި މި ފެރީގައި އަލިފާން ރޯވީ، ގާތްގަނޑަކަށް 20 ގަޑިއިރުގެ ދިގު ދަތުރު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ.
"އަހަރެން އަދިވެސް އުއްމީދުކުރަނީ މަރުވެފައިވާ މީހުންގެ ތެރޭގައި އޭނާ ނުހިމެނޭނެ ކަމަށް. އޭނާ ސަލާމަތްވެ، އެހެން ރަށަކަށް ލައްގާފައި އޮތުން އަހަރެންގެ ދުޢާއަކީ،" މަގްބާނުއާ ކިޔައިދިނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުތާ 24 ގަޑިއިރު ފަހުން، އަލިފާންނިއްވާ ޓީމުތަކަށް ވަނީ އިއްޔެގެ ވަގުތެއްގައި ފެރީގެ އެތެރެއަށް ވަދެވިފައެވެ. ބޯ ދުމާއި ގަދަ ހޫނުގެ ސަބަބުން ވަނުމަށް ހުރަސްއެޅިފައިވާ ބައިތައް ބެލިއިރު، މަރުވެފައިވާ މީހުންގެ ހަށިގަނޑިތައް އެންމެ ގިނައިން ފެނިފައިވަނީ ފެރީގެ އިކޮނޮމީ ކްލާހުގެ އެކޮމޮޑޭޝަން ބައިން ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ.
ކޯސްޓްގާޑުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ގަދަ ހޫނުގެ ސަބަބުން އެނދުތަކުގެ ދަގަނޑުތައް ވަނީ ވިރި، ބިމާ ހަމަވެފައެވެ. އަދި މުޅި ސަރަޙައްދު އަޅިއަށް ވެފައިވާއިރު، ކުނިބުނީގެ ތެރެއިން އިންސާނުންގެ ހަށިގަނޑުތައް ފެނިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުގެ އޮފިޝަލް ޖެރޯނިމޯ ޓުވިއްޔާ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މަރުވި މީހުންގެ ވަނަވަރު ކަށަވަރުކުރުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމަށެވެ.
ފިލިޕީންސްގެ ކަނޑުދަތުރުފަތުރާބެހޭ އިދާރާއިން ބުނި ގޮތުގައި، ސަލާމަތްވި މީހުންގެ ބަޔާންތަކުން އެނގޭ ގޮތުގައި އަލިފާން ރޯވުމުގެ ކުޑަވަގުތުކޮޅެއް ކުރިން އުޅަނދުގެ އެތެރެއިން ދެ ގޮވުމެއްގެ އަޑު އިވުނެވެ.
އަދި ސަލާމަތްވި ބައެއް މީހުންނޫސްތަކަށް މަޢުލޫމާތު ދެމުން ބުނީ، ދުމުގެ އަސަރު ފުރަތަމަ އިޙްސާސްކުރެވުނުތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ފެރީއަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އުޅަނދުގެ ކެޕްޓަނާމެދު ވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.
ކޯސްޓްގާޑުގެ ތަރުޖަމާނު ކޮމޮޑޯ ނޯމީ ކަޔާބްޔާބް ވިދާޅުވި ގޮތުގައި ކެޕްޓަން ސަލާމަތުން ހުރިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް، މިހާތަނަށް ސަލާމަތްވިކަން ރަސްމީކޮށް ކަށަވަރުވެފައިވާ 43 މީހުންގެ ލިސްޓުގައި އޭނާގެ ނަން އަދި ހިމެނިފައެއް ނުވެއެވެ.
7,600އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ ފިލިޕީންސްގައި ދަތުރުފަތުރުގެ މައިގަނޑު ވަޞީލަތަކީ ކަނޑުމަގު ކަމަށްވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި އަދި ނުރައްކާތެރި އެއް ހާދިސާއެވެ.