ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮތް ކިއު ކުޑަކުރުމަށް، އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައިވެސް ދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަހާށޭ ބުނާނަން" ޕްރޮގްރަމުގައި އެހުންތެރިއަކުވަނީ އައިޖީއެމްއެޗްގެ ކިއު ކުޑަކުރުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުންކަމަށެވެ. އެގޮތުން ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހެނީ ތިއޭޓަރުގައި ޖާގަ ނުވަތަ ބެޑު ނެތިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިވަގުތުވެސް 75 އެނދު އައިޖީއެމްއެޗަށް އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑޮކްޓަރުންނާއި މަޝްވަރާކުރައްވައިގެންވެސް ކިއު ކުޑަކުރެވޭނެގޮތްތައް ހޯދަމުން އަންނަކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އައިޖީއެމްއެޗްގައި މިހާރު އޯޕީޑީގެ ޚިދުމަތް ދެނީ ހެނދުނު އެކަންޏެވެ.
"އަޅުގަނޑު ވަރަށް ފަހުން އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ކިއު ކުޑަކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައި ހެދިން. ހަތަރު ފަސް ޑިޕާޓުމަންޓެއްގައި އެބަހުރިވަރަށް ބޮޑު ކިއުއެއް. ނަމަވެސް ބައެއް ޑިޕާޓުމަންޓުތަކުގައި އެއްގޮތަކަށްވެސް ކިއުއެއް ނެތް. އެހެންކަމުން މިކަން ހައްލުކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ އެއް މަސައްކަތަކީ، މިހާރު މަޝްވަރާކުރަމުން މިދަނީ އިވްނިންް، ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެގޮތެއް ހޯދުމުގެ މަޝްވަރާތައް އަޅުގަނޑުމެން ކަމާގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދަން. އެއީ މުސާރާއިގެ އިތުރުން އިތުރު އެލަވަންސްވެސް ދީގެން ކުރެވޭނެކަމެއް. އެހެންވީމަ އެ މަޝްވަރާތައް ނިމިގެން އަޅުގަނޑުމެންނަށް އިތުރު ގޮތްތަކެއް ހޯދޭނެ." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިސަރުކާރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންނަށް ދެއްކޭނެގޮތް ދެ ދަންފަޅިއަށް ބަދަލުކޮށްފައިވާކަމަށެވެ. މިނޫނަސް ކިއުތައް ކުޑަކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންއެބަހުރިކަމަށާއި، އެގޮތުން ވަސީލަތާއި ޑޮކްޓަރުން އިތުރުކުރުމާއި، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމުން އެލަވެންސް ދިނުމުގެ ނިޒާމް ޤާއިމްކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ކުރެވޭނަމަ މިހާރަށްވުރެ ކިއު ކުޑަކުރެވޭނެކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ހޯދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިއު ކުޑަކުރުމަށް ސަރުކާރުން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ރަނގަޅުކުރުންކަމަށާއި، އެގޮތުން މިހާރުހުރި ހުރިހާ ރީޖަނަލް ހޮސްޕިޓަކުތަކުގައި ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް ފުޅާކުރުންވެސް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ތިނަދޫ ހޮސްޕިޓަލް، ލ.ގަމު ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހަދައި އިތުރު ސަބް ސްޕެޝަލިސްޓުންނާއެކު ބަދަލުކުރުން. އޭގެ ނަތީޖާއަކަށް ވެގެންދާނީ ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް އަތޮޅުތެރޭގައި އާންމުވެގެން ދިއުން. އެކަން ކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް މާލޭގެ މައި ހޮސްޕިޓަލަށް ކިއު ކުޑަވެގެންދާނެ." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް 4 ޖެނެރަލް ޕްރެކްޓިސް ކްލިނިކް މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.