ޚަބަރު

ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރަން އެމެރިކާ ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް


އެމެރިކާއާއި ޗައިނާއާ ދެމެދު އެއް ޤައުމުން އަނެއް ޤައުމަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ އެތަކެއް ގުނައަކަށް ބޮޑުކޮށް، އިޤުތިޞާދީ ގޮތުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ނޫން ކަމުގައި ވިދާޅުވެ، އެ ފިޔަވަޅުތައް މުރާޖާ ކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް އެ ޤައުމުގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ދެއްވައިފިއެވެ. ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ނިންމަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މިއީ، އެމެރިކާގެ އިޤުތިޞާދު ހަމަމަގަށް އަޅުވައި، ލިބެމުުންދާ މާލީ ގެއްލުންތައް ފޫބެއްދެވުމުގެ ނަމުގައި އޭނާ އަޅުއްވާފައިވާ ފިޔަވަޅެކެވެ.

ޓްރަމްޕްގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވެސް ވަނީ އެ ޤައުމަށް އެމެރިކާއިން އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑުކޮށްފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ދެ އިޤުތިޞާދުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ އެކު، ދުނިޔޭގެ އިޤުތިޞާދު ރިސެޝަނަކާ ނުވަތަ މަޑުޖެހުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި، އިޤުތިޞާދީ ދާއިރާގެ މާހިރުން ވަނީ އެ ކަމުގެ އިންޒާރު ކޮށްފައެވެ.

ޓްރަމްޕްގެ ނިންމެވުމާ އެކު، ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ވަނީ %145އަށް ބޮޑުކޮށްފައެވެ. އެ ކަަމަށް ރައްދު ދިނުމުގެ ގޮތުން ރައީސް ޝީ ޖިންޕިންގގެ ސަރުކާރުން ވެސް ވަނީ އެމެރިކާއިން ޗައިނާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ %125އަށް ބޮޑުކޮށްފައެވެ. ބެސެންޓް ވިދާޅުވީ، މިއީ ދެ ޤައުމުގެ އިޤުތިޞާދަށް ވެސް ދެމެހެއްޓޭނެ، އަދި ފައިދާހުރި ކަމެއް ނޫން ކަމުގައެވެ.

އޭނާ މި މޭރުމުން ވިދާޅުވެ، އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ނިންމި ނިންމުން މުރާޖާ ކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ދެއްވުމާ އެކު، އެމެރިކާގެ ހިއްސާގެ ބާޒާރުގައި ވެއްޓެމުން ދިޔަ އަގުތައް ވަނީ ހަމަޖެހިލާފައެވެ. ނަމަވެސް، އިންޕޯޓުޑިޔުޓީތައް މުރާޖާ ކުރުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ބެސެންޓް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް މަޝްވަރާތައް ފެށުމުގެ ކުރިން އިންޕޯޓުޑިޔުޓީތައް މުރާޖާ ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. ނަމަވެސް، އިސްވެ ޓްރަމްޕް އެ ފިޔަވަޅު އަޅުއްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ދެ ފަރާތުން ވެސް ޤަބޫލު ކުރޭ މިއީ ދެމެހެއްޓެނިވި ކަމެއް ނޫން ކަން. އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން، މިއީ ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ ދާއިރާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ އެއްފަދަ ކަމެއް، އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުން ހުއްޓައިލުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން،" ބެސެންޓް ވިދާޅުވިއެވެ.

ޗައިނާގެ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ މުރާޖާ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރަށް އޮތް ކަމުގައި އެހެން މަޞްދަރުތަކުން ވެސް ބުނެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން މަޝްވަރާތައް ފެށުމުގެ ކުރިން އެ ކަން ކުރުމަށް އެމެރިކާއިން ބޭނުންވާ ކަމުގައި ވެސް މަޞްދަރުތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ބެއިޖިންގގެ ބައިވެރިވުމާ ނުލައި އެ ފަދަ ފިޔަވަޅެއް ވޮޝިންގޓަނުން އާޅާނެ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާ ސަރުކާރުގެ މަޞްދަރުތަކާ ޙަވާލާދީ އެ ޤައުމުގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުން ބުނީ، ޗައިނާގެ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ %50އަށް ކުޑަ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ވަނީ އެ ރިޕޯޓު ދޮގު ކޮށްފައެވެ. "އަޅުގަނޑުމެން ޗައިނާއާ އެކު ހަދާނީ ދެ ފަރާތަށް ވެސް ހަމަހަމަ އެއްބަސްވުމެއް،" ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ ފިޔަވަޅުތަކެއް އަޅަން ފެށުމާ އެކު، ދެ ޤައުމަށް ވެސް ވަނީ އެ ކަމުގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ޖެހިފައެވެ. ކަނޑުމަގުން މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނި، ހަޕަގް-ލޮއިޑުން ބުނީ، ޗައިނާގެ މުދާ އެމެރިކާއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާ ދަތުރުތަކުގެ ތެރެއިން %30 ދަތުރު ކެންސަލް ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ފެންޓެނިލްގެ ވަގުފާރި ހުއްޓުވުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ