ކުޅިވަރު

މެޑެއްޔެއް ހޯދުން ފަސޭހައެއް ނުވާނެ، އެކަމަކު މި ފުރަނީ އުއްމީދާއެކު: ޓީޓީ ކޯޗު


މި މަހުގެ 24 އިން 27 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް މެޑެއްޔެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، އެހެންނަމަވެސް މުބާރާތަށް ފުރަނީ އުއްމީދާއެކު ކަމަށް ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު މެހްދީ ޚުޝްވަރަމް ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އީރާނަށް ނިސްބަތްވާ ކޯޗު ފާހަގަކުރިގޮތުގައި މި މުބާރާތަކީ ދެކުނު އޭޝިއާގެ ވަރުގަދަ މުބާރާތަކަށްވާއިރު، މި މުބާރާތުން މެޑަލެއް ހޯދުމަކީ ކޮންމެ ޓީމަކުންވެސް ކުރާ ބޮޑު އުންމީދެއްކަމަށެވެ. އެހެންނަމަވެސް ކޯޗު ބުނީ މި މުބާރާތުގައި ވަރަށް ވަރުގަދަ ޓީމުތަކެއް ވާދަކުރާކަމަށެވެ. މިގޮތުން އިންޑިއާ، ޕާކިސްތާނު، ސްރީލަންކާ އަދި ނޭޕާލްފަދަ ގައުމުތަކަކީ ދޫނުކުރާނެ ގައުމުތަކެއްކަމަށް ކޯޗު ފާހަގަކުރިއެވެ.

"މި މުބާރާތް ކާމިޔާބު ކުރުމަކީ ކޮންމެ ޓީމަކަށްވެސް ވަރަށް މުހިންމު ކަމެއް. އެހެން ނަމަވެސް މި މުބާރާތުގެ ވާދަވެރިންކަމަށްވާ ޕާކިސްތާނު، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން މުބާރާތަށް ނުކުންނާނީ ވަރަށް ވަރުގަދަ ޓީމުތަކަކާއެކު" މުބާރާތަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ކޯޗު ބުނެފަވެއެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ބައެއް ކުޅުންތެރިންނަކީ އުމުރުގެ ގޮތުން ވަރަށް ހަނގު ކުޅުންތެރިންކަން ފާހަގަކުރަމުން ކޯޗު ބުނީ މީގެ ތެރެއިން ބައެއް ކުދިން މި މުބާރާތުގައި ބައިވެރިވަނީ އަލަށްކަމަށެވެ. އެހެންކަމުން މިމުބާރާތްވެގެންދާނީ ރަނގަޅު ތަޖުރިބާއަކަށްކަމަށް ކޯޗު ބުންޏެވެ.

މުބާރާތަށް ދިއުމާ ދޭތެރޭ ކުރެވުނު ޕްރެކްޓިސްއާ ދޭތެރޭ ހިތްހަމަޖެހޭކަމަށް ކޯޗުގެ ވާހަކައިގައި ފާހަގަކުރިއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހުއްޓުމެއްނެތި ޕްރެކްޓިސްކުރާތާ ގާތްގަނޑަކަށް ފަންސާސް ވަރަކަށް ދުވަސްވެއްޖެކަމަށް ބުނަމުން ކޯޗު ބުނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔަކަމަށެވެ.

ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު މިއަދު ފުރާފާވާއިރު، މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީޓީ ޓީމާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމެވެ. ރާއްޖޭގެ ޓީމުން މި މުބާރާތުގައި މީގެ ކުރިންވެސް ވާދަކޮށް ވަނީ މެޑަލްތަކެއް ހާސިލްކޮށްފައެވެ.