ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ވަޒީރުންގެ ޕަބްލިކް ފޯރަމްގެ 5 ވަނަ ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ސަރުކާރުން ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ.
"އަހާ"ގެ ކުރީގެ ފޯރަމްތަކެކޭ އެއްފަދައިން މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
• ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
• ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
• ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ވަޒީރުންނާއިއެކު ކުރިއަށްގެންދާ "އަހާ ފޯރަމް" މިމަހުގެ 24ވާ ބުރާސްފަތި ދުވަހުގެ ރޭ. pic.twitter.com/HMDEh6rgN9
— PSM News (@psmnewsmv) April 11, 2025
ހަމައެއާއެކު ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ. މި ފޯރަމަށް ސުވާލުފޮނުވުމަށް އެސް.އެމް.އެސް ކުރާނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްޞަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މީގެއިތުރުން ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން "ރައްޔިތުންނާއެކު" މި ނަމުގައި ޚާއްސަ ސިލްސިލާ ޕޮޑްކާސްޓެއްވެސް ވަނީ ފަށާފައެވެ.