އެމެރިކާގެ ވެރިރަށް ވޮޝިންގޓަނާއި ބޮޑެތި ރަށްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އިސް މުޝީރު، މަހުޖަނު އީލޮން މަސްކާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ. ޓްރަމްޕާއި މަސްކާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި 1,200އަށްވުރެ ގިނަ ސަރަޙައްދެއްގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މިއީ، އެއް ދުވަހެއްގެ ތެރޭގައި ޓްރަމްޕާއި މަސްކާ ދެކޮޅަށް ބާއްވާ މި ފަދަ އެންމެ ބޮޑެތި މުޒާހަރާތަކެވެ.
ވޮޝިންގޓަނުގެ ނޭޝަނަލް މޯލް ކައިރީގައި ޓްރަމްޕާއި މަސްކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި ބައިވެެރިވެ، އެ ދެ މީހުންނާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުުންގެ އަދަދު 20,000އަށްވުރެ އިތުރުވާނެ ކަމުގައި މުޒާހަރާ އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ. މިއީ، އެމެރިކާ ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައީސް ކަމުގެ މަޤާމުގެ ބާރުތައް ބައްކުރެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމަށް އިންތިޒާމު ކޮށްފައިވާ މުޒާހަރާތަކެކެވެ.
އެކްޓިވިސްޓުންގެ މައްޗަށް އެކުލެވިގެންވާ 150އަށްވުރެ ގިނަ ވަކިވަކި ގުރޫޕުތަކުގެ މެންބަރުންނާއި ޢާންމުންގެ އެތަކެއް ހާސް ބަޔަކު މުޒާހަރާތަކުގައި ދަނީ ބައިވެރިވަމުންނެވެ. އެމެރިކާގެ 50 ސްޓޭޓްގައި ވެސް ޓްރަމްޕާއި މަސްކާ ދެކޮޅަށް އަޑު އުފުލަމުންދާއިރު، ކެނެޑާއާއި މެކްސިކޯގައި ވެސް ޓްރަމްޕްގެ ނިންމުންތަކާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި އެމެރިކާއަށް ހިޖުރަ ކޮށްފައިވާ މީހުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖު)ން އަޅަމުންދާ ފިޔަވަޅުތައް ފާހަގަ ކުރެވެއެވެ.
ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ގޮވައިލައި، މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ބާރު އަޅަމުންދާ އެތަކެއް ސަތޭކަ ބަޔަކު ވެސް ދަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. މީގެ އިތުރުން، އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ޓްރަމްޕް ނިންމެވުމާ އެކު، އޭގެ ސަބަބުން އެމެރިކާގެ އިޤުތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވާ އެތަކެއް ހާސް ބަޔަކު ވެސް ދަނީ އޭނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މުޒާހަރާގެ ބައިވެރިންގެ އަނެއް ކަންބޮޑުވުމަކީ، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި ޑޯޖުން އަޅަމުންދާ ފިޔަވަޅުތަކެވެ. ޑޯޖުގެ ހިންގުން ޓްރަމްޕް ހަވާލު ކުރައްވާފައި ވަނީ، އޭނާގެ ކެމްޕޭނަށް އެތަކެއް މިލިޔަން ޑޮލަރެއް ހަދިޔާ ކޮށްފައިވާ މަހުޖަނު މަސްކާއެވެ. މަސްކުގެ ބެލުމުގެ ދަށުން، އެމެރިކާގެ ސަރުކާރު މުވައްޒަފުންގެ ތެރެއިން 200,000އަށްވުރެ ގިނަ މީހުން ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އަދި، އިތުރު މީހުން ވަޒީފާތަކުން ވަކި ކުރުމަށް މަސްކް ދަނީ މަސައްކަތް ކުރަމުންނެވެ.
މަސްކުގެ އަމަލުތަކާ އެކު އެމެރިކާގެ ސަރުކާރު ވަޒީފާތައް އަދާ ކުރަމުންދާ 2.3 މިލިޔަން މީހުންގެ ވަޒީފާއަށް ބިރު ފޯރާފައިވާ ކަމުގައި މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. އެންމެ ފަހުން ވަޒީފާތަކުން ވަކި ކޮށްފައި ވަނީ އިންޓަރނަލް ރެވެނިޔު ސަރވިސް (އައިއާރްއެސް)ގެ 20,000އެއްހާ މުވައްޒަފުންނެވެ. އެ ނިންމުމާ އެކު، މަސްކު އަޑީގައި ހުރެގެން ޑޯޖުން ވަނީ އައިއާރްއެސްގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން %25 މީހުންގެ ވަޒީފާ ގެއްލުވައިލާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ހުއްޓައިލަން ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް، ވައިޓް ހައުސްގެ ތަރުޖަމާނުގެ ނައިބު ލިޒް ހަޓްސަން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
"ރައީސް ޓްރަމްޕްގެ ސިޔާސަތުތައް ވަރަށް ސާފު: އެއީ، ސޯޝަލް ސެކިޔުރިޓީއާއި، މެޑިކެޔަރ، އަދި މެޑިކެއިޑްގެ ޙައްޤު ރައްކާތެރިކޮށް، ޝަރުޠު ހަމަވާ އެންމެންނަށް އެ ޚިދުމަތްތައް ކަށަވަރު ކޮށްދިނުން. ނަމަވެސް، ޑިމޮކްރެޓުން ބޭނުން ވަނީ އެ ޚިދުމަތްތައް [ނުޤަވާޢިދުން ހިޖުރަކޮށް ދިރިއުޅެމުންދާ] އޭލިޔަނުންނަށް ވެސް ފޯރުކޮށްދޭން، އެއާ އެކު އެމެރިކާ ބަނގުރޫޓުވެގެން ދާނެ، އަދި އުމޫރުންގެ ޙައްޤުތައް ގެއްލޭނެ،" އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ޓްރަމްޕާއި މަސްކާ ދެކޮޅަށް ބިިޔަ މުޒާހަރާތަކެއް ފެށުމުގެ ގަޑިއިރުތަކެއް ކުރިން ވިލާތުގެ ގިނަ ޤައުމުތަކެއްގެ މައި ރަށްތަކުގައި ވެސް އެ ފަދަ މުޒާހަރާތަކެއް ވަނީ ފެށިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޖަރުމަނުވިލާތުގެ ވެރިރަށް ބެރްލިނާއި ވިޔަފާރީގެ މަރުކަޒީ ރަށް ފްރަންކްފޫޓް އަދި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރީއާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ހިމެނެއެވެ. މިއީ، ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމާއި، އެ ޤައުމުތަކާ ދެކޮޅަށް އަޅާފައިވާ ވިޔަފާރީގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކުރަމުންދާ މުޒާހަރާތަކެކެވެ. މީގެ އިތުރުން، ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ވެސް ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ދަނީ ކުރަމުންނެވެ.