ޚަބަރު

ރަމަޟާން މަހު ޙަރަމްފުޅުގައި ފަތުވާ ދޭ ރޮބަޓުތަކެއް ތަޢާރަފް ކޮށްފި


2025ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެކިކަހަލަ ދީނީ މައްސަލަތަކާ ގުޅޭގޮތުން ފަތުވާދޭ ޒަމާނީ ރޮބަޓުތަކެއް މައްކާގެ މަސްޖިދުލް ޙަރާމުގައި ތަޢާރަފު ކޮށްފިއެވެ.

ފަތުވާދޭ ރޮބަޓުތައް އިފްތިތާޙް ކޮށްދެއްވީ ޙަރަމްފުޅުގެ އިސް އިމާމު ޝައިޚް އަބްދުއްރަޙްމާން އަލް ސުދައިސްއެވެ. މަނާރާ ރޮބަޓުގެ ނަމުން ނަން ދީފައިވާ މި ރޮބަޓުތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން މަސައްކަތްކުރާ ރޮބަޓުތަކެކެވެ. މިއީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ޙަރަމްފުޅަށް ޒިޔާރަތް ކުރާ މުސްލިމުންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް ދެ ޙަރަމުގެ ރިޔާސަތުން ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފު ކޮށްފައިވާ ޚާއްސަ ރޮބަޓުތަކެކެވެ.

ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ރިޔާސަތުން ވަނީ ރަމަޟާން މަހު މިސްކިތް ތެރެއިން ދީނީ ސުވާލުތަކަށް ޖަވާނު ލިބޭނެ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްފައެވެ.

ޝައިޚް ސުދައިސް ވިދާޅުވީ މަނާރާ ރޮބަޓަކީ އިސްލާމީ ޝަރީޢަތާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ވަކި އުސޫލުތަކެއްގެ ދަށުން ތައްޔާރުކޮށްފައިވާ ނިޒާމެއް ކަމަށެވެ. ސުވާލުތަކަށް ޖަވާބު ދިނުމަށް އެ ނިޒާމުން ބޭނުން ކުރަނީ މަޢުލޫމާތު މުއްސަނދި އަދި ރަސްމީ އިދާރާތަކުން އޭގައިވާ މަޢުލޫމާތު ފާސް ކޮށްފައިވާ ޑާޓާބޭސްއެކެވެ. ކުރަން ބޭނުންވާ ސުވާލުގެ ޖަވާބު ޑާޓާބޭސްގެ ތެރޭގައި ހިމެނިފައި ނުވާނަމަ މަޝްހޫރު ދީނީ އިލްމުވެރިންނާ ވީޑިޔޯ ކޯލް މެދުވެރިކޮށް ގުޅާލައި ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ވެސް މަނާރާ ރޮބަޓުން ލިބެއެވެ. މަނާރާ ރޮބަޓު ފަރުމާ ކޮށްފައި ވަނީ މަސްޖިދުލް ޙަރާމާއި ނަބިއްޔާގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ. އެ ރޮބަޓަށް އެކި ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހުން ޖަވާބު ދިނުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

ފާއިތުވި އަހަރުތަކުގައި ދެ ޙަރަމަށް ޒިޔާރަތް ކުރާ މީހުންގެ ހިތުގައި އުފެދޭ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭނުންކުރާ އުސޫލަށް ވަނީ ބޮޑެތި ކުރިއެރުންތައް އައިސްފައެވެ. މިސްކިތުގައި ތިއްބަވާ ޝެއިޚުން ސުވާލުތައް އަޑުއައްސަވައި ވަގުތުން ފަތުވާ ނެރުއްވި ޒަމާނެއް ވެސް ދިޔައެވެ. އެއަށް ފަހު ފޯނު މެދުވެރިކޮށް ޖަވާބުދޭ ނިޒާމަކަށް އެ ނިޒާމު ބަދަލުވެގެން ދިޔައެވެ. އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ދެން ބޭނުން ކުރަން ފެށީ އޮންލައިން ނިޒާމެކެވެ. އަލަށް ތަޢާރަފު ކުރި ރޮބަޓުތަކާއެކު ދީނީ ސުވާލުތަކަށް ފަސޭހަކަމާއެކު ވަގުތުން ޖަވާބު ހޯދުމަށް މި ވަނީ މަގުފަހިވެފައެވެ.

ފަހުގެ އަހަރުތަކުގައި ދެ ޙަރަމަށް ޒިޔާރަތް ކުރާ މީހުންނަށް އެކި ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އޭއައި ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ޓެކްނޮލޮޖީއާއި އޭއައިގެ ފުރިހަމަ ބޭނުން ހިފައި މިސްކިތަށް ޒިޔާރަތް ކުރާ މީހުންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް ދެ ޙަރަމުގެ ރިޔާސަތުން މީގެ ކުރިން ވަނީ މިސްކިތް ތެރޭގައި އުޅޭއިރު ދިމާވާ ތަފާތު ޙާލަތްތަކުގައި ކަންކުރަންވީ ގޮތް ބުނެދޭ ރޮބަޓުތަކެއް ވެސް ތަޢާރަފު ކޮށްފައެވެ. އެ ގޮތުން މިސްކިތުގެ އެއް ތަނުން އަނެއް ތަނަށް ދާނެ ގޮތާއި ޒަމްޒަމް ފެން ލިބެން ހުންނަ ސަރަޙައްދުތަކާއި ފާޚަނާ ބަރި ހުންނަ ސަރަޙައްދު ވެސް މި ރޮބަޓުތައް ބުނެދެއެވެ. އޭގެ އިތުރުން ނަމާދު ވަގުތު ފަދަ މުހިންމު ގިނަ މައުލޫމާތު ފޯރު ކޮށްދެއެވެ. މި ރޮބަޓުތަކަކީ ވެސް ތަފާތު ބަސްބަހުން އެއާއެކު މުއާމަލާތު ކުރެވޭ ފަދަ ރޮބަޓުތަކެކެވެ. 2021ވަނަ އަހަރު ކޯވިޑް-19 ފެތުރުނު ދުވަސްވަރު މިސްކިތުގައި އަޅުކަންކުރާ މީހުންނަށް ޒަމްޒަމް ފެން ބެހުމަށާއި އެކަކު އަނެކަކާ ދެމެދު އެދެވޭ ދުުރުމިނެއް ހުރޭތޯ ޔަޤީން ކުރަން ވެސް ޙަރަމްފުޅުގައި ރޮބަޓު ބޭނުން ކޮށްފައިވެއެވެ.