ސިނާމާލެއާއި މާލެ ހިޔާގެ އެސެސްމަންޓަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ހަލާކުވަމުންދާ މައްސަލައަކީ އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެއްކަމަށާއި، އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ތަރައްޤީކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ވުޒާރާއިން ކޮށްފައިވާ އިއުލާންގައިވަނީ ސިނަމާލެ އަދި މާލެ ހިޔާ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަފްސީލީ އެސެސްމަންޓްތައް ތައްޔާރުކުރުމާއި، ޓެންޑަރާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލުމުގެ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދޭނެ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޝަރުތުހަމަވާ ކުންފުނިތަކާއި، ޖަމިއްޔާތައް ނުވަތަ ކޮންސަލްޓަންޓުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މަސައްކަތުގެ މައުލޫމާތު ކަރުދާހާއި އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި، އެސެސްމަންޓް ހެދުމުގެ ހަރުދަނާ އުސޫލުތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ފެންވަރު ރަނގަޅު ގޮތްތަކުގެ އިތުރުން، ފަންނީ ހައްލުތައް ހިމެނޭ ފަދަ ޕްރޮޕޯޒަލްތަކަށް ހުށަހަޅަން ވާނެކަމަށް ވިދާޅުވިއެވެ. އެވުޒާރާއިން ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް އެދިފައެވެ.
ތަފާތު ސަބަބުތަކާ ހުރެ މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މަޢާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ނިންމަވާފައެވެ. އަދި ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާކަން މިދިޔަ މަހުގެ 17 ވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ. މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ރައީސް ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދިނުމާއި ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުމާއި އިނާޔަތް ދޭއިރު، ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށް ވުރެ ކުޑަ ނަމަ އެ އަދަދެއް މާފު ކުރުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށްވެސް ރައީސް ވަނީ ނިންމާފައެވެ.