އަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 34،000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް މިހާރު 9ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސަބުތަކަށް ބަލާއިރު، އޮސްޓްރޭލިއާއިން މިހާތަނަށް 34,142 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 28,491 ފަތުރުވެރިންނާ އަޅާ ބަލާއިރު %19 އިތުރު އަދަދެކެވެ.
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %2.3 ހިއްސާކުރަނީ މިހާރު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނެވެ. މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅާ އަޅާބަލާއިރުވެސް އޮސްޓްރޭލިއާ މާކެޓުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް އައިސްފައިވަނީ 17,737 ފަތުރުވެރިންނެވެ. އެހެންނަމަވެސް، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ ދެގުނައަށްވުރެ އިތުރުވެ، 34,142 އަށް އަރާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1,484,097 އަށް އަރާފައެވެ. އަދި އޮސްޓްރޭލިއާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މުހިންމު މާކެޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ މިއަހަރުގެ މޭ މަހުގެ 18ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ އަންނަ އަހަރުން ފެށިގެން ޝެޑިއުލް ދަތުރުތައް ވެސް ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ އޮސްޓްރޭލިއާގެ މެލްބާންއަށް އެ ކުންފުނިން ފެށި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ އަންނަ އަހަރުން ފެށިގެން ޝެޑިއުލްކޮށް ކޮންމެ ހަފުތާއަކު 1 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ކުރަނީ އެ ކުންފުނީގެ ފްލީޓްގައި ހިމެނޭ އޭ330 މަތިންދާބޯޓުގައެވެ.