ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަބުނަމްހައުސް / ލ.މާބައިދޫ، ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ގެއަކީ 2 ފަންގިފިލާއަށް ޑެކް އަޅައިގެން ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. އެ ގެ ބޭނުންކުރަމުން ދިޔައީ، ބައެއް މުދާ ގުދަން ކުރުމަށެވެ. މި އިމާރާތަކީ އެއްވެސް ފަރާތަކުން ދިރިއުޅެމުން ނުދާ އިމާރާތެއް ކަމަށް، މައުލޫމާތު ލިބިފައިވެއެވެ. އަދި ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ ގެ ތަޅާލުމަށް ގެ ހުސް ކުރަމުންދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.