އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާ ދީފި ނަމަ ގަލްފު ސަރަޙައްދުގެ ފެން ތަޣައްޔަރުވެ ޤަޠަރާއި ކުވައިތާއި އެކުވެރި ޢަރަބި ޢިމާރާތުގެ ދިރުންތަކުގެ ފުރާނައަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު ޤަޠަރުގެ ބޮޑުވަޒީރު ދެއްވައިފިއެވެ.
ޤަޠަރާއި ކުވައިތާއި އެކުވެރި ޢަރަބި ޢިމާރާތާ ތިން ޤައުމަކީ ވެސް ގަލްފް ކަނޑުގެ އައްސޭރިފަށުގައި އީރާނާ ކުރިމަތިވާ ގޮތަށް އޮންނަ ތިން ޤައުމެވެ. އެ ތިން ޤައުމުގެ އާބާދީ 18 މިލިޔަން މީހުންނަށް ވުރެ އިތުރު އިރު ތިން ޤައުމަށް ވެސް ޤުދުރަތީ ގޮތުން ސާފު ބޯފެން ލިބޭ މިންވަރު މަދެވެ. އެހެންކަމުން ތިން ޤައުމުން ވެސް ބޯފެން ހޯދުމަށް ބަރޯސާ ވަނީ ގަލްފް ކަނޑުގެ ލޮނު ފެން ސާފު ކުރުމުގެ މައްޗަށެވެ.
ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އައް-ޘާނީ ވިދާޅުވީ އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާ ދީފި ނަމަ ގަލްފުގެ ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭނެ ކަމަށާއި މަސްމަހާއިމެހި މަރުވެ ދިރުންތައް ނެތި ދާނެ ކަމަށެވެ.
2015ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް އައުމަށް މަޝްވަރާތައް ކުރުމަށް އެމެރިކާއިން އީރާނަށް އިންޒާރު ދީ މަޖުބޫރު ނުކުރެވޭނެ ކަމަށް އެ ޤައުމުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ދަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ.
ޝައިޚް މުޙައްމަދު ވިދާޅުވީ އީރާނަށް އަސްކަރީ ޙަމަލާއެއް ދީފި ނަމަ އެއީ މުޅި ސަރަޙައްދަށް ފެތުރިގެންދާނެ ޙަމަލާއަކަށް ވެގެން ދާނެ ކަމަށެވެ. އެހެން ކަމުން އީރާނުގެ ނިއުކްލިއަރ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އީރާނާ ދެކޮޅަށް އެެއްވެސް އަސްކަރީ ޙަމަލާއެއް ދިނުމަށް ޤަޠަރުން ތާއީދު ނުކުރާނެ ކަމަށާއި މައްސަލައަށް ޞުލްޙަވެރި ޙައްލެއް ލިބެންދެން ހުއްޓުމެއްނެތި ޤަޠަރުން މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާއެއް އަމާޒު ވެއްޖެ ޙާލަތެއްގައި ވާނެ ގޮތަކާމެދު މީގެ އަހަރުތަކެއް ކުރިން ޤަޠަރުން ދިރާސާއެއް ކޮށްފައިވާ ކަމަށާއި އެ ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާ ދޭތާ ތިން ދުވަހުގެ ތެރޭގައި ޤަޠަރުން ސާފު ބޯފެން ހުސްވާނެ ކަމަށް ދައްކާފައިވާ ކަމަށް ޝައިޚް މުޙައްމަދު ވިދާޅުވިއެވެ. އެ ދިރާސާގެ ނަތީޖާއަށް ބަލައި ހޫނު މޫސުމުގައި 50 ޑިގްރީއަށް ވުރެ ހޫނު މިން އިތުރުވާ ޤަޠަރުން ކުއްލި ޙާލަތުގައި ބޭނުން ކުރާނެ ފެން އިތުރު ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު 15 ފެން ރިސާވޮޔަރު އެ ޤައުމުން ވަނީ އިމާރާތް ކޮށްފައެވެ.
ބޮޑުވަޒީރު މުޙައްމަދު ވިދާޅުވީ އީރާނުގެ ބައެއް ނިއުކްލިއަރ މަރުކަޒުތައް ދުރުމިނުގެ ގޮތުން އީރާނުގެ ވެރިރަށް ތެހްރާނަށް ވުރެ ޤަތަރުގެ ދައުޙާއާ ކައިރި ކަމަށެވެ. އީރާނުގައި މި ވަގުތު ހިންގާ ހަމައެކަނި ނިއުކްލިއަރ ޕަވަރ ޕްލާންޓު ހުރީ ގަލްފްގެ އައްސޭރިފަށުގައި އޮންނަ ބޫޝަހްރުގައެވެ.
ޤަޠަރަކީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ވެސް ޤާއިމް ކޮށްފައި ހުންނަނީ ޤަޠަރުގައެވެ. އެމެރިކާއާ ގާތް ގުޅުމެއް އޮތް ނަމަވެސް ޤަޠަރުން އީރާނާއެކު ވެސް ގުޅުން ބަދަހި ކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑު ކަމުގައިވާ ސައުތު ޕާސް/ނޯތު ޑޯމް ގޭސް-ކޮންޑެންސޭޓް ފީލްޑަކީ ޤަޠަރާއި އީރާނާ ދެ ޤައުމަށް ނިސްބަތްވާ ތަނެކެވެ.