ޚަބަރު

އަދަދުތައް މައްޗަށް، މިދިޔަ ހަފްތާގައި ރާއްޖެއަށް ބައިލައްކަ އަށްވުރެ ގިނަ ފަތުރުވެރިން


  • މިދިޔަ ހަފްތާގައި ރާއްޖެއަށް 54،525 ފަތުރުވެރިން އައިސްފައިވޭ

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000އަށް ވުރެ ގިނަ ފަތުރުވެރިން

  • އެންމެ ގިނައީ އިނގިރޭސި އަދި ރަޝިއާ ފަތުރުވެރިން

މިދިޔަ ހަފްތާގައި ރާއްޖެއަށް 54،525 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިނގިރޭސިވިލާތް، ރަޝިއާ އަދި އިޓަލީ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ 9،518 ފަތުރުވެރިން އައިސްފައެވެ. މިއީ އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 54،525 ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް މިދިޔަ ހަފްތާތެރޭ އެންމެ ގިނައިން އައިފައިވނީ އިނގިރޭސި ފަތުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެ 5،902 ފަތުރުވެރިން މިދިޔަ ހަފްތާތެރޭގައި އައިސްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 389,223 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 362،905 ފަތުރުވެރިންނާއި އަޅާބަލާއިރު، 7.3 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރަގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް 56،150 ފަތުރުވެރިން އައިސްފައިވެއެވެ. 38،505 ފަތުރުވެރިންނާއެކު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިންކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.