ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝަފީގާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް އެކީގައި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ބީޗް ހޭންޑްބޯލް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، މިކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން މިކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން ބީޗް ހޭންޑްބޯލް ތަރައްޤީކުރުމަށް ކޮށްދެވިދާނެ ކަންތައްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ. މިގޮތުން މި ކުޅިވަރަށް ޚާއްސަ ރެފްރީންނާއި ކޯޗުން ތަމްރީނުކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ ސެކްރެޓެރީ ޖެނެރަލް މުހައްމަދު ޝަފީގް ވަނީ ދެއްވާފައެވެ.
ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި ވައިގައި ހިފަމުން އަންނަ ކުޅިވަރެއް ނަމަވެސް އަދި މި ކުޅިވަރު އޮތީ ޅަފަތުގައި ކަމުން، އައު ކުޅުންތެރިން ނެރުމާއި، ކުޅުންތެރިންގެ ހުނަރުތައް ތަރައްޤީކުރުމަށް ސްކިލް ޑެވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގުމަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުޅުންތެރިންނަށް ބައިނަލް އަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް އިތުރު ތަޖުރިބާތައް ހޯދިދާނެ ގޮތްތަކަށްވެސް ދެ ބޭފުޅުންގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.
ހޭންޑްބޯލްއަކީ މިހާރު ފޯރިއާއި އެކު ކުޅެވޭ ކުޅިވަރެއް ނަމަވެސް ކޯޓުގެ ދަތިކަމާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައިވެސް ގޮންޖެހުންތައް ހުރިކަމަށް ކުޅުންތެރިން ފާހަގަކުރެއެވެ. އަދި އޭގެ އިތުރަށް ބީޗް ހޭންޑްބޯލްވެސް މިހާރު ރާއްޖެއަށް ތަޢާރަފްކުރެވި، ވަނީ ޤައުމީ ޓީމެއް އެކުލަވާލާފައެވެ.
މި ޓީމު މިހާރުދަނީ ބައިނަލް އަޤްވާމީ މައިދާނުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރުވަމުންނެވެ. ކުޅުދުއްފުށީގައި ބީޗް ހޭންޑް ބޯލް ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، ކުރިއަށް މިއޮތް މޭ މަހުގައި 10 ވަނަ އޭޝިއަން ބީޗް ހޭންޑް ބޯލް ޗެމްޕިއަންޝިޕަށް ޓީމު ފުރާނެއެވެ. އޮމާންގެ މަސްކަޓުގައި މުބާރާތްކުރިއަށްދާނީ މޭ މަހުގެ 1އިން 10 އަށެވެ.