އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުޙައްމަދު ޝަފީގު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޯސީގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައިވަނީ ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު އެއްކަމަކީ ރާއްޖޭގައި ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވުމާއި ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި އެމްއޯސީއިން ވަނީ ރާއްޖޭގައި މި މުބާރާތް ބޭއްވުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީން ދެއްވާފައެވެ. އަދި މިކަމަކީ ރާއްޖޭގެ ހޭންޑްބޯލް އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމްއޯސީއިން ސިފަކުރެއްވިއެވެ.
މި ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިއްޖެނަމަ މިއީ ރާއްޖޭގެ ކުޅުންތެރިންނަށް މިކުޅިވަރުގައި ކުރިއަރަން ލިބޭ ރަނގަޅު ފުރުސަތަކަށްވާއިރު، މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ދުނިޔެއަށް އިޝްތިހާރުކުރެވި، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ހުޅުވިގެންދާނެ އިތުރު ދޮރެއްކަމަށް އެމް.އޯ.ސީއިން ފާހަގަކުރެއެވެ.
މި ބައްދަލުވުމުގައި ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ބޭނުންވާނެ ވަސީލަތްތަކާއި ބަޖެޓާއި އަދިވެސް އެހެނިހެން ކަންކަމާމެދު ވެސް ދެ ފަރާތް ގުޅިގެން މަޝްވަރާކުރެވިފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ ބީޗް ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ހުނަރުވެރި ކުޅުންތެރިންތަކެއް ރާއްޖޭގައި އުފެދެމުން އަންނަ ކަމަށެވެ. އަދި މިކުޅިވަރަކީ އޮލިމްޕިކްސްގައިވެސް ކުޅޭ ކުޅިވަރެއްކަމުން ރާއްޖެއިން މި ކުޅިވަރުގައި ބައިވެރިވެ މެޑަލެއް ހޯދިދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ޤައުމުތަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވުމަށް ވިސްނާފައިވާއިރު، ރާއްޖޭގައި މި މުބާރާތް ބޭއްވުމަށް ރާވާފައިވަނީ ރާއްޖެގައި ބާއްވާ އެހެން މުބާރާތްތަކާއި އަދި ބައިނަލް އަޤްވާމީ މުބާރާތްތަކާއި ފުށުނާރާނެ ގޮތަކަށެވެ.
މި މުބާރާތް ބޭއްވުމަށް ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާއިރު ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރުމަހުގައި މި މުބާރާތް ބޭއްވުމަށެވެ. އަދި މިހާރުވަނީ މި މުބާރާތާއި ގުޅޭގޮތުން ކޮމަންވެލްތާއި މަޝްވަރާކުރެވިފައި ކަމަށާއި، ރާއްޖޭގެ ކުޅިވަރު ވަޒީރު ރާފިޢުވެސް ވަނީ ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް މުޖުތަބާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުހައްމަދު ޝަފީޤް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ހޭންޑްބޯލް މޯލްޑިވްސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޝަފީޤްވަނީ ރާއްޖޭގެ ހޭންޑްބޯޅަ ކޯޓުތަކުގެ ހާލަތުބައްލަވާލައްވާ، މިކުޅިވަރު ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ބީޗް ހޭންޑްބޯޅައިގެ ފޯރި ރާއްޖޭގައި ގަދަވަމުން އަންނައިރު، މިހާރު ބީޗް ހޭންޑްބޯޅައިގެ ޤައުމީ ޓީމެއް އެކުލަވާލެވި ކުޅުދުއްފުށީގައި ފޯރިއާއި އެކު ފަރިތަކުރުންތައް ކުރިއަށްދެއެވެ. މި ޓީމު 10 ވަނަ އޭޝިއަން ބީޗް ހޭންޑް ބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އޮމާންގެ މަސްކަޓުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ކުރިއަށްދާނީ މި ފެށޭ މޭ މަހުގެ 1ން 10އަށެވެ. ބީޗް ހޭންޑް ބޯޅައިގެ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަދި މިވަގުތު ރާއްޖޭގައި ބީޗް ހޭންޑްބޯލް ކޯޓެއް އޮތީވެސް ހަމައެކަނި ކުޅުދުއްފުށީގައެވެ.