ޚަބަރު

މިހާރު އޮތް ރޭންޖުގައި ފަރިތަކޮށްގެން އެތުލީޓުންނަށް އިތުރު ކުރިއެރުމެއް ނުލިބޭނެ: ގައުމީ ކޯޗު


މިހާރު ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށްގެންދާ ރޭންޖުގައި ފަރިތަކޮށްގެން އެތުލީޓުންނަށް ކުރިއެރުމެއް ނާންނާނެކަމަށް ޤައުމީ ޝޫޓިން ޓީމުގެ ހެޑް ކޯޗު ހަސަން ޢަބްދުލް ޣަފޫރު ބުނެފިއެވެ.

ޕީ.އެސް.އެމް. ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ހަސަން ބުނީ ރާއްޖޭގައި މިކުޅިވަރު ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. މިގޮތުން ރާއްޖޭގެ އެތުލީޓުން މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދާ ރޭންޖަކީ ޖާގައިގެ ގޮތުން ދަތި ތަނަކަށް ވެފައި، އެތަނަކީ އިންޓަނޭޝަނަލް ޤަވާއިދުތަކަށް ފެތޭ ތަނަކަށް ނުވުމަކީ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ހަސަން ފާހަގަކުރިއެވެ.

"މުބާރާތައް ދިޔައިމަ ކުދިންނަށް އެ އުނދަގޫތައް ދިމާވޭ. މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވާ ކަމެއް ނޫން. ސްވިމިންގައިވެސް މި މައްސަލަ އެބަ ދިމާވޭ. ހަމަ އެގޮތަށް އަޅުގަނޑުމެންނަށް ޝޫޓިންގައިވެސް އެބަ ބޭނުންވޭ އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ރޭންޖެއް" ހަސަން ބުންޏެވެ.

މިފަދަ ރޭންޖެއް ހަމަޖެހިއްޖެ ނަމަ ބޭރުގެ ޝޫޓަރުންނާއި އެއް ލެވެލްގައި ވާދަކޮށް އިތުރު ކާމިޔާބީތައް ހޯދިދާނެކަމަށްވެސް ހަސަން ފާހަގަކުރިއެވެ. ކުރިން ފަރިތަކުރަމުން އައީ ދެ ލޭނުގައި ކަމަށާއި، ފަހުން ގިނަ އެތުލީޓުންނަށް ފުރުސަތު ދިނުމަށް ހަތަރު ލޭން އިތުރުކުރެވުނު ކަމަށް ހަސަން ފާހަގަކުރިއެވެ. ނަމަވެސް ލޭން އިތުރުކުރަން ޖެހުމުން، ޖާގަ ކުޑަވެ ތަމްރީނުތައް ކުރިއަށްދާ ވަގުތު ތޮއްޖެހުމުގެ މައްސަލަ ދިމާވާތީ އެކަމުގެ ކަންބޮޑުވުންވެސް ހަސަން ފާޅުކުރިއެވެ. އަދި އެހެން ހަދަންޖެހުމުން ބައިނަލް އަޤްވާމީ މިންގަނޑުތަކަށް މިހާރު އެ ރޭންޖް ނުފެތޭކަމަށާއި، އެހެންކަމުން މިހާރު ފަރިތަކުރުން ކުރިއަށް ގެންދާ ރޭންޖުގެ ސަބަބުން އެތުލީޓުންނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ނުދެކޭ ކަމުގައިވެސް ހަސަން ބުންޏެވެ.

ޝޫޓިންއަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވެފައި، ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ވައި.ޑީ.ޕީ ހިންގުމަށް ޝޫޓިން އެސޯސިއޭޝަނުން ދެއްވި ހުއްދައަކީ މި ކުޅިވަރު ކުރިއަރައިގެން ދިއުމަށް ހުޅުވެގެންދިޔަ އިތުރު ދޮރެއްގެ ގޮތުގައިވެސް ހަސަން ފާހަގަކުރިއެވެ.

މި ހުއްދައިގެ ދަށުން ޔޫތު ޕްރޮގްރާމް ފެށިފަވާއިރު، މި ޕްރޮގްރާމުން އުފެދުނު ޒުވާން ޤައުމީ ޓީމުވަނީ ތައިލެންޑްގެ ބެންކޮކްގައި ކުރިއަށް ދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ގިނަ ކާމިޔާބީތަކެއް ހޯދާ ޤައުމަށް ރީތި ނަން ހޯދައިދީފައެވެ.

"އެސޯސިއޭޝަނަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް (30 އަހަރު) ޔޫތު ޕްރޮގްރާމު ފެށިގެން، ޔޫތު ޕްރޮގްރާމުގެ ތެރެއިން ކުދިން ނިކުމެގެން ދިއުމަކީ އެސޯސިއޭޝަނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލަން" ޕީ.އެސް.އެމް ނިއުސްއާއި ވާހަކަ ދައްކަމުން ހަސަން ބުންޏެވެ.

ހަސަން ބުނެފައިވަނީ މިފަދަ ކާމިޔާބީއެއްގެ ފަހަތުގައި ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން އެބަ އޮތްކަމަށެވެ. މިގޮތުން ވަކިން ޚާއްސަގޮތެއްގައި އެމް.އެން.ޑީ.އެފްއިން ދެއްވާ އެއްބާރުލުން ފާހަގަކުރިއެވެ.

"އެމް.އެން.ޑީ.އެފްގެ އެއްބާރުލުމާއި ނުލާ، ޚާއްސަގޮތެއްގައި ރާއްޖޭގައި ހެދިފައިހުރި ޤަވާއިދުތަކާހުރެ ވަރަށް އުނދަގުވާނެ. އަޅުގަނޑުމެން ކޯޗުންނަކީ އެމް.އެން.ޑީ.އެފްގައި މަސައްކަތް ކުރާ މީހުންނަށް ވެފައި، އަޅުގަނޑުމެން ދޫކުރުމާއި، ހަތިޔާރުތައް ބެލެހެއްޓުމާއި މެއިންޓެއިންކުރުމަކީ ވަރަށް ބޮޑެތި ކަންކަން" މި ކުޅިވަރުގައި އެމް.އެން.ޑީ.އެފްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރަމުން ހަސަން ބުންޏެވެ.

މިކުޅިވަރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ރޭންޖެއް ހެދުމަށް ބިމެއް ހަމަޖައްސަވައިދެއްވާފައިވާތީ ކުޅިވަރު ވުޒާރާއަށްވެސް ހަސަން ޝުކުރުއަދާކުރިއެވެ.

ވައި.ޑީ.ޕީގެ ދަށުން ޒުވާން ޓީމެއް ތަމްރީނު ވަމުންދާއިރު، އެތުލީޓުން މިހާރު ބޭނުންކުރާ ރޭންޖުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތުވެސް ނުލިބޭކަން ހަސަން ފާހަގަކުރިއެވެ. ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ ޖާގައިގެ ގޮތުން ތަނަވަސް ރޭންޖެއް ލިބިއްޖެ ނަމަ މިކުޅިވަރުގައި އިތުރު ކާމިޔާބީތައް ހޯދޭނެކަމަށް ހަސަން ބުންޏެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ރާއްޖޭގެ ޤައުމީ ޓީމު ވާދަކޮށްވަނީ ރަންވަނަތަކެއް ހޯދާފައެވެ. މިއީ ޝޫޓިންގައި މިހާތަނަށް ދިވެހި ޓީމް ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަށެވެ.