ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖޭގެ އިބްރާހީމް ޝިފާން އޭނާގެ ކުރީގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ.
އޭނާ މި ރިކޯޑް އައުކޮށްފައިވަނީ ފިރިހެނުންގެ 10 މީޓަރ އެއަރ ރައިފަލް ކެޓެގަރީންނެވެ. އޭނާ ޤައުމީ ރިކޯޑް އައު ކޮށްފައިވަނީ 605.2 ޕޮއިންޓް ހޯދައިގެން ބޮޑު ކުރިއެރުމަކާއި އެކުގައެވެ. އޭނާގެ ކުރީގެ ޤައުމީ ރިކޯޑަކީ 604.9 ޕޮއިންޓެވެ. ޝިފާން މި ރިކޯޑް އޭރު ހަދާފައިވަނީ އިންޑޮނޭޝިއާގެ ޖަކާޓާގައި 2018 ވަނަ އަހަރު ކުރިއަށް ދިޔަ އޭޝިއަން ގޭމްސްގައެވެ.
ޝިފާން އޭނާގެ އިންޑިވިޖުއަލް ރިކޯޑް އައުކޮށްފައިވާއިރު، ޝިފާން އަދި ޔޫހާގެ ޕެއަރ ވަނީ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި އެއަރ ރައިފަލް މިކްސްޑް ޓީމު އިވެންޓު ބައިން 601.6 ގެ ސްކޯއަކުންވެސް އައު ޤައުމީ ރިކޯޑެއް ހަދާފައެވެ. އަދި 2024 ވަނަ ކުރިއަށްދިޔަ ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕްގައި އެއަރ ރައިފަލް ފިރިހެނުންގެ އިވެންޓުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީވެސް އިބްރާހީމް ޝިފާންއެވެ.
ތައިލެންޑުގައި މި މުބާރާތް ކުރިއަށްދާއިރު، ރާއްޖޭގެ އެތުލީޓުންދަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެންމެ ތިންމަސްދުވަހުގެ ޓްރެއިނިންއަކަށްފަހު ޤައުމީ ޓީމް ފުރާފައިވާއިރު، މި މުބާރާތުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިޞްބާޙްވެސް ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. އީޝަލް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފަވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.
ރާއްޖޭގެ އެތުލީޓުން އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ހޯދަމުންދާ ކާމިޔާބިތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒުވަނީ އެކަން ފާހަގަކުރައްވާ ތަހުނިޔާ ވިދާޅުވެފައެވެ.