ކުޅިވަރު

މުލަކު ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި


މ. މުލަކުގައި ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ދިލްޝާން ޢަބްދުﷲ އެވެ.

މި ވޮލީކޯޓަކީ ސަރުކާރުގެ ބަޖެޓުން 1.1 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި ކޯޓެކެވެ. މިއީ ސަރުކާރާ ހަވާލުވިއިރު ނުނިމި ހުރި މަޝްރޫޢުތަކުގެ ތެރެއިން މި ދެ އަހަރުތެރޭގައި ނިންމަން އަމާޒުހިފާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ހިމެނުނު މުހިންމު މަސައްކަތެކެވެ.

މުލަކު ވޮލީކޯޓުގައި ޓާފުއެޅުމާއި ފެންސް ޖެހުމާއި ޓާފުގައި ރަބަރު އައު ކުރުން ފަދަ މަސައްކަތްތައް ނިންމާ ރަސްމީކޮށް ވޮލީކޯޓް ހުޅުވާ މުލަކު ކައުންސިލާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

މ. އަތޮޅަކީ ވޮލީގެ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާ އަތޮޅެކެވެ. އެގޮތުން މ. މުލަކަކީ މީގެ ކުރިންވެސް ވޮލީގެ ފޯރިގަދަ މުބާރާތްތައް ބޭއްވިގެން ދިޔަ ރަށެކެވެ. މި ވޮލީކޯޓަކީ ވޮލީގެ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ފަހިވެގެންދިޔަ އިތުރު ފުރުސަތެއްކަމަށް މުލަކު ކައުންސިލުން ބުނެއެވެ.

ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނައުފަލް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނިޔާޒްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.