ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ވެގެންދާނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިސްނެގުން ދައްކުވައިދޭ ޕްލޭނަކަށްކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއިން ބައިވެރިވެފައިވާ އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭނެއް ހުށަހަޅަން ޖެހެއެވެ.
މިގޮތުން ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ތައްޔާރުކޮށްފައިވާއިރު، މި ޕްލޭނުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ އައު ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރުމަން އަންނަ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށާއި، ހަރުދަނާ ކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖުތަކެއް ވަނީ އެކުލަވާލާފައެވެ.
އައު ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވަނީ ރާއްޖޭގެ މުސްތަޤުބަލު ބައްޓަން ކުރުމަށް މި ޕްލޭންގެ މުހިންމުކަމަށް އަލިއަޅުއްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، މި ޕްލޭންގައި ބަޔާންކޮށްފައިވާ ޤައުމީ އަދި ސަރަހައްދީ ފެންވަރުގެ އަމާޒުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަމަށް ޚާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވިކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއްކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިސްނެގުން ދައްކުވައިދޭ ޕްލޭނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްލޭންގައި ރާއްޖޭގެ ކުރިއެރުމަށް މުހިންމު، އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތައް ހިމެނިފައިވާ ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ކްލައިމެޓް އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ކުރެވުނު މަސައްކަތް ހިއްސާކޮށްފައެވެ. މީގެ އިތުރުން ކްލައިމެޓް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މުހިންމު ދާއިރާތަކާ ބެހޭ ގޮތުން ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓް އެމްޕަވަރމަންޓް، ޖެންޑާ، ޗިލްޑްރަން އެންޑް ޔޫތު އަދި ކްލައިމެޓް އެޑްވޮކޭސީ، އެޑިއުކޭޝަން އެންޑް އެވެއާނެސް ހިމެނެއެވެ.
އައު ޕްލޭނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް މާލީ، ޓެކްނޯލޮޖީ އަދި ކެޕޭސިޓީ ބިލްޑިންގ ގެ އެހީ އާއި އެއްބާރުލުން ބޭނުންވާނެކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އދ. މޫސުމީ ބަދަލުތަކާބެހޭ މުއާހަދާއާއި، ޕެރިސް އެގްރީމެންޓާ އެއްގޮތްވާ ގޮތުގެ މަތިން މި ޕްލޭން މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ރާއްޖެއަށް މަގުފަހިވެގެންދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.