ދީން

ފިތުރު ޒަކާތް ގޮވާމާއި ނަގުދު ފައިސާއިންވެސް ދެއްކޭނެ


ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ނެގުމަކީ ޙުއްދަނޫން ކަމެއްކަމުގައިބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް އިސްލާމިކް މިނިސްޓްރީން ރައްދުދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފިތުރު ޒަކާތް ދައްކަންޖެހޭނީ ގޮވާމުންކަން ނުވަތަ ނަގުދު ފައިސާއިންކަން ކަނޑައެޅުމާ މެދު ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ދެގޮތްވެސް ޞައްޙަކަމަށެވެ. އެހެންކަމުން މިއީ ފިތުރު ޒަކާތް ނަގަމުން ގެންދާގޮތާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދަން ކުރަމުންދާ މަސައްކަތެއްކަމަށް މިކަމާ ގުޅޭގޮތުން އެމިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައި އުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެކެވެ. އެއީ ދެއަތްގޮށިން ނެގޭ މިންވަރުކަމަށްވާ މުއްދެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވާނެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވާގޮތުގައި، އާއްމުކޮށް ކައި އުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަޤުދު ފައިސާއިންވެސް ފިތުރު ޒަކާތް ދެއްކުމަކީ އެންމެ ރަގަޅު ކަމެއްކަމުގައި އިސްލާމީ ދުނިޔޭގެ އެތަކެއް ޢިލްމުވެރިން ފަތުވާ ދެއްވާފައިވާކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައިވެސް ޢަމަލުކުރަމުން ގެންދިޔައީ ގޮވާމުގެ އަގަށްވާ ނަޤުދު ފައިސާއިން ޒަކާތް ބަލައިގަންނަމުންނެވެ.

tw:https://twitter.com/MVIaffairs/status/747766862411227136

ފިތުރު ޒަކާތް ނަގާ ފައިސާ ވިޔަސް ނުވަތަ ގޮވާންކަމުގައި ވިޔަސް މީގެ ބޭނުމަކީ ފަޤީރުމީހާއަށް އެއިން ފުދުންތެރިކަން ލިއްބައިދިނުމެވެ. ފަޤީރުމީހާގެ ބޭނުންތައް ފައިސާއިން ފުއްދޭނީ ނުވަތަ ބޭނުންވާ އެއްޗެއް އެފައިސާއިން ގަނެވޭނެތީ، ނަޤުދު  ފައިސާ ގޮވާމަށްވުރެ ރަނގަޅުކަމަށް ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވާކަން އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ފިތުރު ޒަކާތް ގޮވާމުން ދެއްކުމުގެ އިންތިޒާމުވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. ގޮވާމުން ޒަކާތް ދެއްކުމުގެ އިންތިޒާމު ކުރީގެ ދަރުމަވަންތަ ސްކޫލްގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު ދޭއް ޖެހުމާ ހަމައަށް ކުރިއަށްދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ފައިސާ އިން ޒަކާތް ބަލައިގަންނަމުންދާނީ އިސްލާމީ މަރުކަޒާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެ އޮފީހުންނެވެ. އަދި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދަވާނީ ރަށްރަށުގެ ކައުންސިލުންނެވެ.