ޚަބަރު

ފަސް ދުވަސްތެރޭ 32،349 ފަތުރުވެރިން، %70 އައީ ރިސޯޓުތަކަށް


  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %17.4 އިތުރުވުމެއް

  • އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން

މިއަހަރުގެ ފުރަތަމަ 5 ދުވަހުގެތެރޭ ރާއްޖެއަށް 32،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި ރާއްޖެއަށް 32،349 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 27،544 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިން އަދަދަށް މިވަނީ %17.4 ކުރިއެރުމެއް ލިބިފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،470 ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރާއްޖެއަށް 6،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވެއެވެ.

އަހަރުގެ ފުރަތަމަ 5 ދުވަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

• ރަޝިއާ – 6485 ފަތުރުވެރިން
• އިޓަލީވިލާތް – 5285 ފަތުރުވެރިން
• އިންގިރޭސިވިލާތް – 2175 ފަތުރުވެރިން
• ޖަރުމަނުވިލާތް – 2002 ފަތުރުވެރިން
• އިންޑިއާ – 1127 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެ އަަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން %70 އަކީ ރިސޯޓުތަކަށް އައިސްފައިވާ ފަތުރުވެރިންނެވެ. އަދި %23.3 އަކީ ގެސްޓުހައުސްތަކަށް އައިސްފައިވާ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުގެ ހިސާބުތައް

• ރިސޯޓު: 22،849 ފަތުރުވެރިން
• ހޮޓެލް: 914 ފަތުރުވެރިން
• ގެސްޓުހައުސް: 7،615 ފަތުރުވެރިން
• ސަފާރީތަކަށް: 971 ފަތުރުވެރިން

މި ނިމުނު އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުން އެ އަހަރަށް ކަނޑައަޅައިފައިވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒުވެސް ވަނީ ހާސިލްކޮށްފައެވެ.

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގ ފަތުރުވެރިންކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ ފަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.