ޚަބަރު

އިންޑަސްޓްރިއަލް ވިލެޖްގެ ބިންހިއްކުމުގެ މަސައްކަތް ނިމެނީ


މާލޭގެ އިރުދެކުނު ފަރާތުގައި ހައްދަވާ އިންޑަސްޓްރިއަލް ވިލެޖްގެ ބިންހިއްކުމުގެ މަސައްކަތް މިމަސް ނިމޭއިރަށް ނިންމާލެވޭވަރު ވާނެކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބިންހިއްކާ ސަރަޙައްދުގެ ފަޅުތެރެ ހިއްކުމަށްޓަކައި ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އެސަރަޙައްދުގައި ހުރި އޮޑިދޯނިފަހަރު ނަންގަވާ ބިންހިއްކުމަށްޓަކައި އެސަރަޙައްދު ބަންދުކުރައްވާފައެވެ.

އިސްޑަސްޓްރިއަލް ވިލެޖަކީ މާލެތެރޭގައި ހުރިއެކި ކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖް ފަދަ ތަންތަނަށް ޚާއްޞަކުރައްވައިގެން ތަރައްޤީ ކުރައްވާ ތަނެކެވެ. ބިންހިއްކުމުގެ މަސައްކަތާއެކު އެސަރަޙައްދުގެ ބޭރުގައި ހިލަޖެހުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އިސްޑަސްޓްރިއަލް ވިލެޖްގެ ބިން ހިއްކަވާ ސަރަޙައްދުގެ ތޮށިގަނޑުވެސް މިހާރު ވަނީ ކުރިން އޮތްވަރަށްވުރެ ބޭރަށް ޖައްސަވާފައެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ އިސްޑަސްޓިއަލް ވިލެޖްގެ ތޮށިގަނޑު ބޭރަށް ޖެއްސެވުމަށްފަހު ބޭރުލައިނުގައިވެސް ވެލިގަނޑު ދަމައިގަނެގެން ނުދާގޮތަށް ޝީޓްޕައިލްކުރައްވައި ވަރުގަދަ ކުރައްވާނެ ކަމަށެވެ. އަދި ތޮށިގަނޑު ހިލަޖަހައި ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ހަމަޖެހިފައިވާތީ މިކަމުގެ ސަބަބުން އެސަރަޙައްދުގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނޯންނާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް އަމާޒުހިއްޕަވައިގެން ކުރިޔަށް ގެންދަވާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތުގެ ތޭރޭން ދާދިފަހުން ވަނީ އިސްޑަސްޓްރިއަލް ވިލެޖުގެ ހިއްކާ ސަރަޙައްދު ނިމޭ ހިސާބުގައި އޮޑިދޯނިފަހަރު ވަދެނިކުމެ އުޅުމަށް ނެރެއްކަނޑުއްވާ އެ ނެރު ހުޅުވާލައްވާފައެވެ. އިންޑަސްޓްރިއަލް ވިލެޖް ހެއްދެވުމަށް ޓީޖެޓީ ސަރަޙައްދުން ފެށިގެން ގާތްގަނޑަކަށް މޭރީބްރައުން ހުރި ހިސާބަށް، ފަޅުތެރެއަށް ވެލިއަޅުއްވާ، ހިއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ބަޖެޓުން ގާތަގަނޑަކަށް ސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހައްދަވާ އިސްޑަސްޓްރިއަލް ވިލެޖަށް މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި، މާލެތެރޭގައި ހުރިއެކި ކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖްފަދަ ތަންތަން ބަދަލުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ތޮށްޖެހުން ކުޑަވެ މާލޭގެ ވެއްޓަށް ހެޔޮބަދަލެއް ގެނެވޭނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.