ދުނިޔެ

އީޔޫގައި ދެމިއޮތުމާއި ގުޅޭގޮތުން ޔޫކޭގައި ވޯޓުލާން ފަށައިފި


ވިލާތުގެ އިއްތިޙާދުގެ މެމްބަރެއްގެ ގޮތުގައި އނގިރޭސިވިލާތް ދެމިއޮތުމާމެދު އެޤައުމުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. 

ލަންޑަންގެ ގަޑިން ހެނދުނު ހައެއްޖެހިއިރު ވޯޓުލާން ފަށާފައިވާކަމަށާ މިރޭ ނުވައެއް ޖެހުމާ ހަމައަށް ވޯޓުލާ މަރުކަޒުތައް ހުޅުވިފައި ހުންނާނެ ކަމަށް އިނގިރޭސިވިލާތުގެ އިލެކްޓޯރަލް ކޮމިޝަނާ ޙަވާލާދީ ރޮއިޓަރސް ބުނެއެވެ. އަދި މިވޯޓުގެ ނަތީޖާގެ ބޮޑުބައެއް ހުކުރުދުވަހު ހެނދުނުގެ ކުރިން ހާމަކުރެވޭވަރު ވާނެކަމަށްވެސް އިނގިރޭސިވިލާތުގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެއެވެ. 

ވިލާތުގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމިއޮތުމަށް ބޭނުންވާ ފަރާތްތަކާއި އެކަމާ ދެކޮޅު ފަރާތްތަކުގެ ޢަދަދު ދާދި ހަމަހަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުންވަނީ ހާމަވެފައެވެ. މި ވޯޓުގައި ވޯޓުލުމުގެ ޙައްގު އިނގިރޭސި ރައްޔިތުންގެ ތެރެއިން ސާޅީސްހައެއް އިންސައްތަ މީހުންނަށް ލިބިފައިވެއެވެ.