ކޮރަޕްޝަން ހުއްޓުވައި މިނިވަން އަދި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއް މެސެޑޯނިޔާގައި ގާއިމް ކުރުމަށް ގޮވާލައި އެގައުމުގެ ވިއްސަކަށް ހާސްމީހުން ވެރިރަށް ސްކޫޕީއާއި އެނޫންވެސް ބޮޑެތި ރަށްތަކުގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ގޮވާލަމުންދިޔައީ މެސެޑޯނިޔާއަށް ދިމުގްރާތީ ބަދަލުތަކެއް ގެނައުމަށެވެ. މީގެތެރޭގައި ކޮރަޕްޝަނާދެކޮޅަށް ހަރަކާތްތެރިވާނެ ފާރަވެރި މުއައްސަސާތައް އުފެއްދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރަށްވުރެ ބޮޑަށް ދިނުމާއި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މުޒާހަރާކުރި މީހުން ބުނަމުން ގެންދިޔައީ އެމީހުން ކުރިޔަށް ގެންދަނީ ކަލަރފުލް ރިވޮލިއުޝަނެއްކަމަށާ އިސްލާޙީ ބަދަލުތަކަށް ސަރުކާރުން ޖާގަނުދީފިނަމަ މިހާރަށްވުރެ ބޮޑެތި މުޒާހަރާތަކާއި އިޙްތިޖާޖްތަކާއެކު ސަރުކާރާ ދެކޮޅަށް ތެދުވާނެކަމަށެވެ. މެސެޑޯނިޔާގައި މިމަހުގެ ފަހެއްގައި ބޭއްވުމަށް ހަމަޖެހުނު އިންތިޚާބު ވަނީ އެއީ މިނިވަން ނަޒާހަތްތެރި އިންތިޚާބަކަށް ނުވާނެކަމަށްބުނެ އިދިކޮޅު ފަރާތްތަކުންކުރި މުޒާހަރާތަކާ އަދި ވިލާތުގެ އިއްތިޙާދުން ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން ފަސްކޮށްފައެވެ.
މެސެޑޯނިޔާގައި އަލުން އިންތިޚާބު ބާއްވަންޖެހޭނީ ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއް ގާއިމްކޮށްގެން ކަމަށްވެސް އިދިކޮޅު ފަރާތްތައް ބުނަމުންގެންދެއެވެ.