އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެ ގޮތަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރައްވާފައިވަނީ މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.
މިބައްދަލުކުރެއްވުމުގައި، މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. އަދި ފައުންޑޭޝަނުން ހިންގަވާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާފައެވެ.