ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަަކަށް ނުފޫޒެއް ނުފޯރުވޭނެ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ


  • ހުރިހާ އެޕްލިކޭޝަން ފޯމްތައް މުރާޖަޢާކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިފަދަ ހައްސާސް މައްސަލައެއްގައި ސިޔާސީ ބޭނުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައިވޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދޮގުކުރައްވައިފިއެވެ.

އެވުޒާރާއިން މިކަން ހާމަކުރެއްވީ ގެދޮރުވެރިޔާ ސްކީމްހެ އިވެލުވޭޝަންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ރީި-އިވެލުއޭޝަންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށްބުނެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއްކަމަށެވެ.

ގެދޮރުވެރިޔާ ސްކީމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށްވާތީ، އެކަމުގައި ވުޒާރާގެ ބަހެއް ނެތި، ސިޔާސީ ބޭނުމަށް ހަގީގަތާ ޚިލާފު ޚަބަރު ނުފެތުރުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ދޭ ކަމަށާއި އެ ސްކީމްގެ ދަށުން ފްލެޓު ލިބޭނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަން ކަށަވަރު ކުރުމަކީ އެވުޒާރާގެ މަޤްސަދު ކަމަށް ވިދާޅުވެފައެވެ.

2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

މިނިންމުމާއި ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7500އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް 300އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ.

އާއްމުންގެ ޝަކުވާތައް ބޮޑުވެ ފްލެޓް ލިސްޓުގެ މައްސަލައިގެތެރެއަށް އޭސީސީން ވަދެ އެ މަސައްކަތް މެދުކަނޑާލަން އެންގީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށްވެފައިވަނިކޮށެވެ. އޭސީސީން މިގޮތަށް އެންގީ ތަކުރާރުކޮށް އެންގުމުންވެސް މައްސަލަތައް ބެލުމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކަށީގެން ފިޔަވަޅު އަޅާފައިނުވާތީކަމަށްބުނެއެވެ.

އަދި އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4000ފްލެޓްގެ ލިސްޓަށް ހޮވި %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ %20.7 ފޯމުގައެވެ. ފްލެޓް ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

ފްލެޓް ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިފްލެޓްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިންމާފައެވެ. މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.