ޚަބަރު

ލުބްނާން ޢުދުވާން ހުއްޓައިލުން އިޢުލާނު ކުރަން ތައްޔާރު


ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުން އިޢުލާނު ކުރަން އެމެރިކާއާއި ފަރަންސޭސިވިލާތުން ތައްޔާރަށް އޮތް ކަން މަޞްދަރުތަކުން ހާމަކޮށްފިއެވެ. ލުބްނާންގެ މަޞްދަރުތަކުން ބުނީ، ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުން އިޢުލާނު ކުރައްވަން ހަމަޖެހިފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮން ކަމުގައެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 13 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަމުންނެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ.

މި ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. ޢުދުވާންތައް ހުއްޓުމަކަށް ގެނައުން އިޢުލާނު ކުރަން ތައްޔާރުވެފައިވާ ކަން ލުބްނާންގެ މަޞްދަރުތަކުން ހާމަކުރި ނަމަވެސް، އެމެރިކާއިން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ އެއްބަސްވުން އިޢުލާނު ކުރުން ވަރަށް ގާތްވެފައިވާ ކަމުގައެވެ.

ފަރަންސޭސިވިލާތުން ބުނީ، އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ. އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގައިވާ ކަންކަމަށް ލުބްނާންގެ ސަރުކާރާއި ޙިޒްބުاللهން ޖަވާބުދީފައިވާއިރު، ޒަޔަނިސްޓު އިސްރާއީލުގެ މަޞްދަރުތަކުން ބުނީ، އެ ކަމާ މެދު ޔަހޫދީ ސަރުކާރުގެ ކެބިނެޓުން މިއަދު ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ޔަހޫދީން އެއްބަސްވި ނަމަވެސް، ޙިޒްބުاللهގެ އަމާޒުތަކަށް ޙަމަލާ ދިނުން ހުއްޓައިލަން އެއްބަސްނުވާނެ ކަމުގައި އދއަށް އިސްރާއީލުން ކަނޑައަޅާފައި ހުންނަ ސަފީރު ޑަނީ ދަނޯން ބުންޏެވެ. ނަމަވެސް، އެ ކަމަށް ލުބްނާނުން އެއްބަސްވާނެ ކަމަކަށް ނުބެލެވެއެވެ.

ލުބްނާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ނައިބު އަލް-ޔާސު ބޫ ޞަޢުބު ވިދާޅުވީ، އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުން ތަންފީޒު ކުރަން އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެ ކަމަށް ހުރަސް އެޅެން އޮތް ހަމައެކަނި ގޮތަކީ، ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހެދުން ކަމުގައެވެ.

އެމެރިކާގެ ހުށަހެޅުމުގައިވާ ކަންކަމުގެ ތެރޭގައި ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ބިންތަކުން ފޭބުން ހިމެނޭ ކަމުގައި ވެސް ޞަޢުބު ވިދާޅުވިއެވެ. އަދި، އެއަށްފަހު، އެ ސަރަޙައްދުތަކުގައި އަމަން ބެލެހެއްޓުމުގެ ޒިންމާތަކާ ލުބްނާންގެ އަސްކަރިއްޔާއިން ޙަވާލުވާން ތައްޔާރަށް އޮތް ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އެ އެއްބަސްވުން ތަންފީޒު ކުރޭތޯ ބެލުމުގެ ޒިންމާ މަތިކޮށްފައި ވަނީ ފަސް ޤައުމެއްގެ މައްޗަށް ބިނާވެފައިވާ ކޮމިޓީއަކަށެވެ. އެ ކޮމިޓީގައި އެމެރިކާއާއި ފަރަންސޭސިވިލާތް ހިމެނެއެވެ.

ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީތަކެއް ހޯދިފައިވީ ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންނެވެ. މި ގޮތުން، ހުސްވި ހަފުތާ ބަންދުގެ ތެރޭގައި ވެރިރަށް ބައިރޫތަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި 29 މީހުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުކޮށްލިއެވެ. ޙިޒްބުاللهން ވެސް ވަނީ ރައްދުގައި 250އެއްހާ ރޮކެޓު ބޭނުންކޮށްގެން އިސްރާއީލުގެ ރަށްތަކަށް ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ނޮވެންބަރު 25ވަނަ ދުވަހު ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 31އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އިތުރު 62 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ބޮޑު އިންސައްތައަކީ ޢާންމުން ކަމުގައިވީ ނަމަވެސް، އޭގެ ތެރޭގައި ޙިޒްބުاللهގެ މުޖާހިދުންނާއި އިސް އޮފިޝަލުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ ކުރީގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވެސް ހިމެނެއެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,768އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,699އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.