ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމް ބޭއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ސަރުކާރުގެ އަމާޒުތަކާއި މާލީ ހިރާސްތައް ކުޑަކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މިކުރެވޭ މަސައްކަތްތަކުން އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީއެއް ގެނައުންކަމަށާއި، އެގޮތުން އިޤްތިސާދީ ތަރައްޤީ 2025-2026ގައި %5.8އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިކޮނޮމިކް އެޖެންޑާގައި އިންވެސްޓަރުންނަށް އައު ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާކަމަށެވެ.
"އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް އެބަހުރި، ގާނޫނުގައި ގަވާއިދުތަކަށްވެސް ބަދަލުތައް ގެނެސް އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް މި ސަރުކާރުން ދަނީ މަސައްކަތްކުރަމުން،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްރޫޢުތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން މެރިކަލްޗަރ އާއި ފަރުމަސްވެރިކަން ކުރިއެރުވުމަށް އިސްކަން ދޭނެ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ވިދާޅުވިއެވެ.
"އައްޑޫ އަދި ހަނިމާދޫ އެއަރޕޯޓު ތަރައްޤީ މަޝްރޫޢާއެކު ފަތުރުވެރިންގެ އަދަދަށް އިތުރު 1.5 މިލިޔަން އިތުރުވެގެންދާނެ، މިއާއެކުވެސް ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާނެ، އަދި ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު ކުރީ ކޮޅު އޮޕަރޭޝަނަށް އައުމުންވެސް އިތުރު ކުރިއެރުންތައް ލިބޭނެ، މި ހުޅުވާލެވޭ ފުރުސަތުތަކުގެ ބޭނުން އިންވެސްޓަރުން ހިފަންޖެހޭ،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ޒަމީރުވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މިގެންނަ ބަދަލުތަކާއެކު ތެލަށް ކުރާ ހޭދަ ކުޑަވެ، ރާއްޖޭގެ ރިޒަރވްއަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.