ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަޤާމަށް އައްޔަން ކުރެއްވީ ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާއެވެ. އެއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ދިޔާނާ، ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ދިޔާނާއަކީ ކަސްޓަމްސްގެ ތާރީޚުގައި ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުކަމާއި ޤައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް ދެއްވާ އިސްކަން ހާމަވެގެންދާކަމަށް ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފާޠިމަތު ދިޔާނާ ޢައްޔަން ކުރައްވައިފި. މިއީ ކަސްޓަމްސްގެވެރިއަކަށް އަންހެނަކު ޢައްޔަންކުރެއްވި ފުރަތަމަ ފަހަރު.
— Heena Waleed (@MvSpokesperson) July 22, 2024
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ… pic.twitter.com/nOjMVHOODb
ފާޠިމަތު ދިޔާނާ، މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. ޑެޕިއުޓީ ކޮމިޝަނަރަކަށް ދިޔާނާ ޢައްޔަން ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އޭނާއަކީ ކަސްޓަމްސްގެ ތާރީޚުގައި ޑެޕިއުޓީ ކޮމިޝަނަރަށް ޢައްޔަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ.
ދިޔާނާ ވަނީ މިދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަސްއަށް ވަރަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވީ ގ. އަތަ ޔޫސުފް މާނިޢު މުޙައްމަދުއެވެ. އޭނާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.