ޚަބަރު

އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންދަން ފަށައިފި


  • ފުރަތަމަ ބޯޓުން 150 ޓަނުގެ މުދާ ގެންދިޔަ

  • ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވާނެކަމަށް އެމްޕީއެލުން ބުނޭ

އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންދަން ފަށައިފިއެވެ.

ކުރިން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ ގެންނަމުން އައީ ލަކުޑި ބޯޓުތަކުގައެވެ. މި ބޯޓުތަކަށް ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވާތީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލް އާއި ހިތަދޫ ޕޯޓުން ވަނީ ކޮށްފައެވެ.

އެމްޕީއެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މި މަހުން ފެށިގެން ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މިހާރު އެފަދަ މުދާ ގެނައުމަށް ދަގަނޑު ބޯޓުފަހަރު ބޭނުންކުރަން ފަށާފައިވާއިރު ފުރަތަމަ ބޯޓު ވަނީ ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ގޮސްފައެވެ.

އިންޑިއާއިން އައްޑޫ ސިޓީއަށް ދިޔަ މިބޯޓުގައި 150 ޓަނުގެ މުދާ ވަނީ ގެންގޮސްފައެވެ.

ދާއިމީކޮށް އިންޑިއާއިން އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ގެނައުމާއި ހިތަދޫ ޕޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިންނާ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ޓުޓިކޮރިންއިން ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ދަތުރުތައް ކުރިއަށްގެންދިއުމަށް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާކަން ވަޖީހު ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މުދާ ގެނައުމުގައި މިވަގުތު އެފަރާތްތަކަށް ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އަދި އެމްޕީއެލްގެ އައު މެނޭޖްމަންޓާއެކު ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި ލިބިފައިވާ ފަސޭހަކަމާއި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވިޔަފާރިވެރިންވަނީ ޝުކުރުއަދާކޮށްފައެވެ.