ޚަބަރު

އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަން ކުރަން ހުށަހަޅައިފި


  • ޕާޓީގެ ނައިބު ރައީސް އައްޔަންކުރާނީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޤައުމީ މަޖިލީހުން

  • ހިސާނަކީ ނައިބު ރައީސަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި

އެމްޑީޕީގެ ނައިބު ރައީސަކަށް އެޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަން ކުރަން ހުށަހަޅުއްވައިފިއެވެ.

ހިސާންގެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. ނަން ހުށަހަޅުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަން ކުރެއްވުމަށް ގަސްތުކުރައްވައި ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައިވާގޮތުގެމަތިން ހުށަހަޅުއްވާފައިވާކަމަށެވެ.

އެމްޑީޕީގެ ގަވާއިދުގައިވާގޮތުން އެޕާޓީގެ ނައިބު ރައީސް އައްޔަންކުރާނީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޤައުމީ މަޖިލީހުންނެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީއަށާއި އެޕާޓީގެ މެންބަރުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ހިސާން ކުރައްވާފައިވާ ކަމަށެވެ. އަދި ހިސާނަކީ ނައިބު ރައީސަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެނުން މަދުވުމަކީވެސް ނައިބު ރައީސަކަށް ހިސާން އައްޔަން ކުރުމަށް ނިންމެވި ސަބަބެއް ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.