ޚަބަރު

ވެމްކޯގެ ޚިދުމަތް ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީގައި ފަށަނީ


  • ތިނަދޫއާއި ކުޅުދުއްފުށީގައިވެސް ގޭބިސީތައް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައި

  • ވެމްކޯގެ ޓީމްތަކުން އެ ސިޓީތަކުގައި އަންނަނީ ހަރަކާތްތެރިވަމުން

  • އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ޚިދުމަތް ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. ކުނި އުކާލުމުގެ ޚިދުމަތަށް ދެ ސިޓީގެ ގޭބިސީތަކުން ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ޚިދުމަތް ފުރަތަމަ ފެށީ މާލެ ސަރަޙައްދުންނެވެ. އޭގެ އިތުރުން އަތޮޅުތަކުގައި އެކުންފުނީގެ ޚިދުމަތް ދެމުން މިހާރު އަންނަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައެވެ. ކުންފުނި ފުޅާކޮށް ކުންފުނީގެ ޚިދުމަތްތައް ރާއްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކުރުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުންނެވެ.

ވެމްކޯގެ ޚިދުމަތް ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީއަށް ފުޅާކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ވެމްކޯއިން މިހާރު ވަނީ ފަށާފައެވެ. ކުޅުދުއްފުށީގައި ޚިދުމަތަށް ރަޖިސްޓްރީވުމަށް އޭޕްރިލް މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ތިނަދޫގައި ޚިދުމަތް ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އޭޕްރިލް 20ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ ސީނިއަރ ޕަބްލިކް ރިލޭޝަން އޮފިސަރ މީކާއިލް އަޙުމަދު ވިދާޅުވީ، ދެ ސިޓީގައިވެސް ޚިދުމަތަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވެމްކޯގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ. އެގޮތުން ޑޯޓުޑޯ ހިންގާ ރަޖިސްޓްރީވުމަށް އެހީވުމާއި ކުނިއުކާލުމުގެ ޚިދުމަތަށް ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ޓީމްތަކުން ކުރަމުންދާކަމަށެވެ.

"ފުރަތަމަ ޚިދުމަތް ފަށަނީ ގޭބިސީތަކަށް. އެއަށްފަހު ކޮމާޝަލް ތަންތަނާއި ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ދޭން ފަށާނީ." ވެމްކޯގެ ސީނިއަރ ޕީއާރް އޮފިސަރ މީކާއިލް އަޙުމަދު ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ޚިދުމަތް ދޭނީ، އެ ސިޓީ ދެ ޒޯނަކަށް ބަހާލާ ކުނި ނެގުމަށް ދެ ވެހިކަލް ބޭނުންކޮށްގެންކަމަށެވެ. ކުޅުދުއްފުށީގައި މިހާރު އޮތް ކުނި ގޮނޑު ނަގާ އެ ރަށުގައި ޒަމާނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ވެމްކޯއިން ކުރުމަށް ވަނީ ނިންމާފައެވެ. ޚިދުމަތް ދޭނީ ކުޅުދުއްފުށީ ޓްރާންސްފަރ ސްޓޭޝަނެއްގެ ގޮތުގައި ބޭނުންކޮށް، ހދ.ކުނބުރުދޫއަށް ކުނި ޓްރާންސްފަރކޮށް ކުނި މެނޭޖްކުރާގޮތަށެވެ.

ވެމްކޯގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ އެކުންފުނީގެ އެންމެ ބޮޑު ޢަމާޒެވެ. އެގޮތުން އަތޮޅުތައް ޒޯންތަކަށް ބަހާލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް އެ ސަރަހައްދުތަކުގައި ޤާއިމުކޮށް ކައިރި ސަރަޙައްދުން ކުނި މެނޭޖްކުރެވޭނެ ޕްރޮޖެކްޓްތަކެއް ވެމްކޯއިން އަންނަނީ ހިންގަމުންނެވެ.