"ކްލައިމެޓް ރެފިއުޖީން"ގެ ގޮތުގައި ވާން ދިވެހިން ބޭނުންނުވާކަމަށާއި، މޫސުމީ ބަދަލުތަކަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ މައްސަލަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ، އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައެވެ.
148 ވަނަ އައި.ޕީ.ޔޫ އެސެމްބްލީގައި ތަޤްރީރުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްވަނީ ބަދަލުވަމުންދާ މި ދުނިޔޭގައި ހައްދުފަހަނައަޅާ ދިއުމާއި، ޓެރަރިޒަމްގެ ޢަމަލުތަކާއި، ޑްރަގް ޓްރެފިކިންގ ފަދަ އިތުރުވަމުންދާ ބޮޑެތި ކުށްތަކަކީ ރާއްޖެއަށްވެސް މިހާރު އޮތް ނުރައްކަލެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއަށް އިޝާރަތްކުރައްވާ މިއީ ރާއްޖޭގައިވެސް މިފަދަ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާކަމުގެ ހެއްކެއްކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމަށް ޙައްލު ހޯދުމަށް ކަމާގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީއާއި އެއްބާރުލުމާއެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަސްލަމް އަލިއަޅުއްވާލެއްވެވިއެވެ.
އަސްލަމް ވިދާޅުވީ، ސުލްޙައާއި އަމާންކަމުގެ ވާހަކަދައްކާއިރު، ދިވެހީންނަށް އެކަންކަން ފުރިހަމަވާންއޮތީ މޫސުމީގޮތުންވެސް ރައްކާތެރިކަން ލިބިގެންކަމަށެވެ. ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ ޢަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރުކުޑައިރު، މޫސުމީ ބަދަލުތަކުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ އަދި އެކަމުގެ އަގު އަދާކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައި މި ވެށި ދޫކޮށްލުމަކީ ދިވެހިން ބޭނުންވާގޮތް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިއީ 5 ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެއް. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއްނޫން. ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއްނޫން. އަހަރުމެންގެވެސް ސަޤާފަތަކާއި އާދަކާތަކެއް އެބަހުރި. އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް އެބަހުރި. މި ހިތްގައިމު ރާއްޖޭގައި އަބަދުމެ އުޅެން އަހަރުމެން ބޭނުން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކައިގައި ޑިމޮކްރަސީގެ ހަމަތައް ޤާއިމުކޮށް ޤާނޫނު ހަދާ މަޖިލީހެއްގެ ދައުރު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ދެ ޖިންސުގެ މެދުގައި ހަމަހަމަ ފުރުޞަތަކީ މުހިންމު އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %49 އަންހެނުން ހިއްސާކުރާއިރު، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަންހެން މެންބަރުންގެ ނިސްބަތަކީ އެންމެ %5 ކަމަށާއި، އަންހެނުން މަޖިލީހުގައި ތަމްޞީލުވާ މިންވަރު ދަށްވުމަކީ ކަންބޮޑުވުމެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މިހާރަށްވުރެއް ބޮޑަށް ހިތްވަރުދީ، ފުރުޞަތު ފަހިކޮށްދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ތަޤުރީރުގައި ވަނީ ފަލަސްޠީނުގެ މުސްލިމުން ދިރިއުޅެމުންދާ ނިކަމެތި ޙާލަތު ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ކުށެއްނެތް މުސްލިމުންނާދެކޮޅަށް އިސްރާޢީލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިންގެ ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވަނީ ގޮވާލައްވާފައެވެ.
މިފަދަ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް އެކަނި ދެވޭ އަނިޔާތަކެއްނޫންކަމަށާއި، މިއީ މުޅި ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށްވެސް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރުވާނެކަމެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ޓެރަރިޒަމާއި، މޫސުމީ ބަދަލުތަކާއި، ޖިންސީ ހަމަހަމަކަން ޤާއިމުކުރުން ފަދަ ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގެ ހައްލު ގުޅިފައިވަނީ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުގެ މައްޗަށްކަމަށާއި، މިއީ އެންމެން އެކުގައި މަސައްކަތްކޮށްގެން ނޫނީ ޙައްލުކޮށް ކުރިއެރުން ހޯދޭނެ މައްސަލަތަކެއްނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
148 ވަނަ އައި.ޕީ.ޔޫ އެސެމްބްލީގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ޕާލިމެންޓްރީ ޑިޕްލޮމެސީގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކާއި އެކަންކަމަށް މަގުފަހިކުރުމުގެ މައްޗަށެވެ. މިމަހުގެ 23 އިން 27 އަށް ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދާ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގަތީ މިމަހުގެ 23 ވަނަ ދުވަހުއެވެ.