ރަމަޞާން މަހުގެ މިހާތަނަށް ހުޅުމާލޭގެ ދެ ފިޔަވަހިން 700 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ވެމްކޯގެ ހުޅުމާލެ އޮޕްރޭޝަން މެނޭޖަރ އިބްރާހިމް ހަނީފް ވިދާޅުވީ، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އާންމުން ނެރެފައިވާ ކުނިތައް ރަމަޟާންމަސް ފެށުމުގެ ދެ ދުވަސް ކުރިން އެ ސަރަޙައްދުން ބޭރުކޮށްފައިވާކަމަށެވެ. އެގޮތުން 272 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށް ހަނީފް ވިދާޅުވިއެވެ.
ހަނީފް ވިދާޅުވީ، އާންމުގޮތެއްގައި ހިޔާ ސަރަޙައްދުގެ ކުނި ނަގާ މަރުކަޒުތަކުން ނަގަމުން ގެންދަނީ ވެޓް ވޭސްޓްކަމަށެވެ. އެހެންނަމަވެސް އުޞޫލުން ބޭރުން ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ސާމާނުވެސް ގެނެސް އެ މަރުކަޒުތަކުގެ ގޯޅި ތެރޭގައި ބަހައްޓާފައިވާކަމަށެވެ.
މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގު ދީގެން އުކާލަން ޖެހޭ ކުނި އުކާލުމުގެ ބަދަލުގައި ވެމްކޯގެ ވެޓް ވޭސްޓް ކަލެކްޓް ކުރާ މަރުކަޒުތަކުގެ ކައިރީގައި ބެހެންޓުންކަމަށް ހަނީފް ވިދާޅުވިއެވެ. މިހެންވުމުގެ ސަބަބުން އެއްތަނެއްގައި ބޮޑެތި ކުނިތައް ގިނަވަމުންދާކަން ހަނީފް ފާހަގަކުރެއްވިއެވެ.
ހަނީފް ވިދާޅުވީ ރަމަޟާން މަސް ފެށިގެން މިހާތަނަށް އައިއިރު ހިޔާ ސަރަޙައްދުން އެކަނިވެސް 400 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށެވެ. ކުނީގެ މައްސަލަ ބޮޑުވުމާގުޅިގެން ވެމްކޯގެ އޮޕްރޭޝަން ހަރުދަނާކުރުމުގެ ސަބަބުން މިހާރު ކުނީގެ މައްސަލަ ހަމަޔަކަށް އެޅިފައިވާކަމަށް ހަނީފް ވިދާޅުވިއެވެ.
އެހެންނަމަވެސް އެހެން އަހަރުތަކަށްވުރެއް ހީވެސް ނުކުރާވަރަށް ހިޔާ ސަރަޙައްދުގައި ކުނި ގިނަވެގެން ދިޔަކަމަށް ހަނީފް ފާހަގަކުރެއްވިއެވެ.
ހަނީފް ވިދާޅުވީ، ހުޅުމާލޭގެ ދެ ފިޔަވަހިން އެއްކޮށް ޖުމްލަ 700 ޓަނަށްވުރެ ގިނަ ކުނި ނަގާފާއިވާކަމަށެވެ. އަދި އެހެން އިދާރާތަކުންވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވާތީ މިއަދަދު މިއަށްވުރެއްވެސް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެޗް.ޑީ.ސީ.އިންވެސް ކްލީނަޕް އިވެންޓެއްޖައްސާފައިވޭ. އަޅުގަނޑު ޤަބޫލު ކުރަނީ 700 އަށް ވުރެއް މަތީގައޭ ޓަނޭޖްގެ ކުނި އަޅުގަނޑުމެންނަށް މި ސަރަޙައްދުން ސާފުކޮށް އުކާލެވިފައިވާނެކަމަށް. އަދި ވެމްކޯއިންވެސް ކަސްޓަމަރުންނަށް ދެ ދުވަހަށް ހިލޭ ކުނި އުކާލެވޭގޮތަށް ހުޅުވާލުމުން އެތަނުންވެސް ފުދޭވަރެއްގެ ގިނަ ކުނި ނަގާފައިވޭ. އެހެންވީމަ 700 ޕްލަސް ކުނި މި ރޯދަމަހުގެ މިހާތަނަށް އުކާލެވިފައިވާ." ހަނީފް ވިދާޅުވިއެވެ.
ވެމްކޯގެ ހުޅުމާލެ އޮޕްރޭޝަން މެނޭޖަރ އިބްރާހިމް ހަނީފް ވިދާޅުވީ ރަމަޟާމަސް ފެށިގެން އައިިއިރު ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވިނަމަވެސް މިހާރު އެކަން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ޤާވައިދާ ޚިލާފަށް ކުނި އުކަމުންދާތީ އެކަން ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.