ޚަބަރު

މިއަހަރުގެ ސަވާދީއްތަ ދަތުރުގައި 10 ޔޮޓެއް، ދަތުރުފަށާނީ އަންނަ މަހު


  • ޔޮޓް ރެލީ އޮންނާނީ އަންނަ މަހުގެ 10 ން 29 އަށް

  • 10 ޔޮޓަކުން 55 މީހުން ބައިވެރިވާނެ

  • މިއަހަރުގެ ތީމަކީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް"

މިއަހަރުގެ ސަވާދީއްތަ ދަތުރުގައި ރާއްޖެއިން ބޭރުގެ 10 ޔޮޓެއް މިހާތަނަށް ބައިވެރިވެފައިވާކަމަށް މި އިންވެންޓް އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން ބުނެފިއެވެ.

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީއެކެވެ. މިއީ މި ޔޮޓް ރެލީ ބާއްވާ 3 ވަނަ އަހަރެވެ.

"ސަވާދީއްތަ ދަތުރު"ގެ 3 ވަނަ އެޑިޝަން އޮންނާނީ އަންނަ މަހުގެ 10 އިން 29 އަށެވެ. 3 ވަނަ އެޑިޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް" މި ތީމް ގެ ދަށުންނެވެ.

މި ދަތުރުގައި 10 ޔޮޓަކުން 55 ބައިވެރިން ބައިވެރިވެފައިވާކަމަށް އެމްއައިޓީޑީސީން ބުނެއެވެ. މީގެތެރޭގައި އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑް ހިމެނެއެވެ. މިފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއަށްވާނެކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.

"ސަވާދީއްތަ ދަތުރު 2024" ރެލީ ފަށާނީ މާލެ އަތޮޅު ކުޑަގިރިންނެވެ. އަދި ދެން ދަތުރުކުރާނީ ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަމަށެވެ. "ސަވާދީއްތަ ދަތުރު 2024" 3 ވަނަ އެޑިޝަން ނިންމާލުމުގެ ރަސްމިއްޔާތުގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ 2022 އަހަރުއެވެ. ދެވަނަ އެޑިޝަން ބޭއްވީ 2023 ވަނަ އަހަރުއެވެ. ފުރަތަމަ އެޑިޝަންގައި 7 ޔޮޓެއް ބައިވެރިވިއެވެ، އަދި ދެވަނަ އެޑިޝަންގައި 14 ޔޮޓެއް ބައިވެރިވިއެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ އިތުރުން، ބައިނަލްއަޤްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީޚާއި، ޘަޤާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.