ޚަބަރު

2023 ވަނަ އަހަރު މީރާއަށް އާމްދަނީގެ ގޮތުގައި 24.74 ބިލިއަން ރުފިޔާ


  • މިދިޔަ އަހަރު ލިބޭނެކަމަށް އަންދާޒާކުރީ 23.06 ބިލިއަން ރުފިޔާ

  • ލިބުނު އާމްދަނީ %6.5 އިތުރު

  • 2023 ވަނަ އަހަރުގެ ޑިސެންބަރުމަހު 97.21 މިލިއަން އެމެރިކާ ޑޮލަރު ލިބުނު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 24.74 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ. މިއަދަދަކީ ވޭތުވެދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %6.5 އިތުރު އަދަދެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

2023 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 23.06 ބިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ފާސްކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި މިއަންދާޒާއަށް ގެނެވުނު އިސްލާހާއެކު މިއަދަދު 23.22 ރުފިޔާއަށް އިސްލާހުކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޑިސެންބަރު 2023 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.21 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.4 ދަށް އަދަދެކެވެ. އަދި، ޑިސެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %9.4 އިތުރު އަދަދެކެވެ.

ޑިސެންބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.21 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 377.51 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 113.87 މިލިއަން ރުފިޔާ، އެކްސްޕެޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި 105.91 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.21 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 314.23 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޑިސެންބަރު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 97.21 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕެޓްރިއޭޓް ކޯޓާ ފީ، ޖީ.ޖީ.އެސް.ޓީ އަދި ވޯރކް ޕާމިޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޑިސެންބަރު 2023 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %30.5 އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.