ޚަބަރު

"ދުންފަތާއި ދެކޮޅަށް އެންމެ އުއްމީދީ މަސައްކަތެއް ފެއްޓެވީ މި ސަރުކާރުން"


  • ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ރަސްމީކޮށް ފަށާފައިވޭ

  • ދުންފަތް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ރާއްޖޭގައި ދުންފަތާއި ދެކޮޅަށް އެންމެ އުއްމީދީ މަސައްކަތްތަކެއް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ.މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދެއްވާވަރުގެ އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެއްވާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބޭނުންވާ ވަގުތުގައި ނުކުރެވުމާއި، އެ މަަސައްކަތުގައި އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމަކީ އަބަދުވެސް އޮންނަ މާޔޫސްކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށާއި އަދުގެ ޙާލަތު ވަރަށް ތަފާތު ކަމަށާއި، މި ސަރުކާރުން ދުންފަތުގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ދުންފަތުގެ ވަބާއިން މާދަމާގެ ޖީލު ސަލާމަތްކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ތައާރަފްކުރުމުގެ އިތުރުން ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް ފާއިތުވި 2 އަހަރު ތެރޭގައި އަޅާފައިވާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ދުންފަތް ހުއްޓުވުމުގައި ކާމިޔާބީތައް ލިބެނީ، ރޭވުންތެރި މަސައްކަތްތަކެއް ކޮށްގެންކަން ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

"ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިވަނީ ވޭތުވެދިޔަ 2 އަހަރުތެރޭގައި ތަންފީޒު ކުރަން ފަށާފައި. އޭގެ ހެޔޮ ނަތީޖާ މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ ފެނިގެންދާނެ." ވަޒީރު ގީލާ ވިދާޅުވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އިއްތިފާޤެއް އަދި އިޚްތިޔާރެއްވެސް ނޫންކަން އެ ޝިއާރުން ދޭހަވާ ކަމަށެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ޅަ ދަރިންނާ ޒުވާނުންނާއި އަދި ހުރިހާ ރައްޔިތުންނަށް ދުންފަތުގެ ނުރައްކާ ބުނެދީ ހޭލުންތެރިކުރުވުމުގެ މަސައްކަތް އިހުނަށްވުރެ އެތައް ގުނަޔަކަށް އިތުރުކޮށް ފުޅާކުރަންޖެހޭ. އަޅުގަނޑުމެންގެ މަސައްކަތް ދުންފަތުގެ ސިނާއަތުގެ އޮޅުވާލުންތަކުގެ މައްޗަށް ބާރުފޯރާ ފެންވަރަށް ކްރިއޭޓިވް ވާންޖެހެއޭ އަދުގެ ޙަޤީޤަތާއި ގުޅުވައިގެން މަސައްކަތް ކުރުން." އެކަމަނާ ވިދާޅުވިއެވެ.

31 މޭއިގައި ސަރުކާރުން އިއުލާންކޮށްފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މިއީވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ހޭލުންތެރި ކުރުމާއި، ސެޒޭޝަންގެ ޚިދުމަތް ފުޅާކުރުމާއި، ޤާނޫނާ ޤަވާއިދު ތަންފީޒު ކުރުމުގެ ތެރެއިން ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި، މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެން ދުންފަތުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.